މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައިގެ މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ 400 މިލިއަން ރުފިޔާ ކަސްޓަމްސް މުވައްޒަފުންތަކެއްގެ އެކައުންޓުތަކެއްގައި ދައުރުވި މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ހިޔާނާތުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެފަދަ މައްސަލައެއް ސަމާލުކަމަށް އައިސްގެން މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅައިފައި. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު އަންނަނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން." އޮފިޝަލު ވިދާޅުފިއެވެ.
ފުލުހުން މިހާތަނަށް އެ މައްސަލައާ ގުޅިގެން ބަލަމުން އަންނަނީ އެ 20 މީހުންގެ ތެރެއިން ތިނެއް ނޫނީ ހަތަރު އޮފިސަރެއްގެ މައްސަލަ ކަމަށް "ވަން" އަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވިއެވެ.
"މި 400 މިލިއަން ރުފިޔާ ދައުރުވެފަ ވަނީ 20 މީހެއްގެ އެކައުންޓުގައި. އެކަމަކު ފުލުހުން އަދި ތަހުގީގު ފުޅާކޮށްފައިވަނީ ތިނެއް ނޫނީ ހަތަރު މީހަކަށް." އޮފިޝަލު ވިދާޅުވިއެވެ.
"ވަން" އަށް އެހެން މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 20 މުވައްޒަފުންނަކީ ކަސްޓަމްސްގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަސްޓަމްސްގެ އެއާޕޯޓް ޔުނިޓުގެ އެރައިވެލްސްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ފޯމު ފުރުން ފަދަ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ކަމަށްވެސް އެނގިފައިވެއެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ފިރިހެން މުވައްޒަފުން ކަމަށް ވެސް "ވަން" އަށް މައުލޫމާތު ދިން ދެވަނަ މަސްދަރުން ބުނެފައިވެއެވެ.
ފުލުހުން މިހާތަނަށް ތަހުގީގު ފުޅާކޮށްފައިވާ ތިން ހަތަރު މީހުން މިވަގުތު ތިބީ ޗުއްޓީގައިކަން "ވަން" އަށް ވަނީ އެނގިފައެވެ. އެ މީހުން ޗުއްޓީ ނެގީ މައްސަލަ ތަހުގީގުކުރާން ފެށި ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ވަން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވީ ކަސްޓަމްސްގެ އޮފިސަރުންނަށް ތުހުމަތު ވަނީ އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން އެ ހަތަރު މީހުންގެ އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ފުލުހުން ހިފަހައްޓައިފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތުވާ 20 އޮފިސަރުންގެ ތެރެއިން އެކަކީ ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ. މެސެޖު ކުރުމުން، މެސެޖު ބެލި ނަމަވެސް ޖަވާބު ދީފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު