މާލެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްކުރަން ކުރީން ރާއްޖެއަށް ނުގެންނަ ފެންހިންދުމަށް ބޭނުންކުރާ ވަސީލަތެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކަމަށް މާލެ ސިޓީ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ހަވާލުވި ސްޓޯމްވޯޓާ ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެމްއެންޑީއެފް ފަޔާ އާއި އެމްޑަބްލިޔު އެސްސީއާއި އާރުޑީސީއާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

"އެގޮތަށް މަޝްވަރާކޮށްގެން އަލަށް މިއެޅި ނެޓްވޯކުތަކުގައި ބޮޑެތި ގްރެވިޓީގައި ފެންގެންނަ ވަޅުތަކެއް ހަދާފަ ހުންނާނެ. އެ ވަޅުތަކަށް މިގެންނަ ފެން ޕަންޕް އިންސްޓްޓޯލުމަންޓުތައް ގުޅާލީމަ، ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެ." އާޒިމް ވިދާޅުވިއެވެ.

މިހާރު މަސައްކަތް ކުރަނީ ބޮޑެތި ޕަންޕު ގެނެސްގެން އެ އެއްޗެހި ޖަހައިގެން މާލެއިން ފެން ހިންދުމުގެ މަސައްކަތްކުރުމަށް ކަމަށާއި އަންނަ ފެބްރުއަރީ މަސް ނިމެންވާއިރަށް އެ ޕަންޕުތައް މާލެއަށް ފޯރާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ ފެބުރުއަރީ މަސް ނިމުމުގެ ކުރިން، އަޅުގަނޑުމެންނަށް ޕަންޕުތައް ލިބޭނެ. އޯޑަރުކޮށް އެއަށް ބޭނުންވާ 15 ޕަސެންޓުގެ ޕޭމަންޓުވެސް ހަދާފަ ވާނީ" އާޒިމް ވިދާޅުވިއެވެ.

އެ ޕަންޕުތައް ރާއްޖެއަށް ގެންނަނީ އާރްޑީސީ މެދުވެރިކޮށްކަމަށާއި ޕަންޕު ގެނައުމުން މާލެތެރެއަށް ޖަމާވާ ފެންތައް ހިންދަން ގިނަ ވަގުތު ހޭދަ ނުވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުން މިދިޔަ ހަފުތާބަންދު ހުރުދުވަހުގެ 11:37 އިން ހޮނިހިރު ދުވަހުގެ 8:30 އާ ހަމައަށް މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.