ސްޕެނިޝް ކޮޕާ ޑެލް ރޭގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ހަތަރުވަނަ ޑިވިޝަނުގެ ބާބަސްޓްރޯ ކައިރިން ބޮޑު މޮޅެއް ހޯދައި، ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

ކްލަބުގެ ފައިސާގެ ހާލަތު އޮތް ގޮތުން، ސީޒަނުގެ ފަހު ބަޔަށް ބައެއް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވިގެން އުޅެމުން އަންނަ، ބާސާއިން ރޭ ބާބަސްޓްރޯ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗަށް ބާސާގެ ކޯޗު ހާންސީ ފްލިކް ވަނީ ވަރުގަދަ 11 އެއް ނެރެފައެވެ. ރޮބަޓް ލެވަންޑޯސްކީއާއި ޕެޑްރީގެ އިތުރުން ޖޫލްސް ކޫންޑޭއާއި ރޮނާލްޑް އަރައޫހޯވެސް ބާސާއިން ފުރަތަމަ 11 އަށް ނެރެފައިވާ އިރު، އެޓީމުގެ ފަރާތުން ދެ ގޯލެއް ފުރަތަމަ ހާފުގައިވެސް ފެނުނެވެ.

އޭގެ ތެރެއިން ފުރަތަމަ ގޯލު، މެންޗެސްޓާ ސިޓީއަށް ކުރިން ކުޅުނު އެރިކް ގާސިއާ ޖެހި އިރު، އަނެއް ގޯލު ޖެހީ ލެވަންޑޯސްކީ އެވެ.

ދެވަނަ ހާފު ފެށިގެން ލެވަންޑޮސްކީ، ސީޒަނުގައި އޭނާގެ 25 ވަނަ ގޯލު ޖެހި އިރު، ބާސާގެ ހަތަރު ވަނަ ގޯލު ޖެހީ ޕަބްލޯ ޓޮރޭ އެވެ. ޓޮރޭގެ އެއް ގޯލުގެ އިތުރުން ދެ އެސިސްޓް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ބާސާއިން ރޭގެ މެޗުގެ 81 ވަނަ މިނެޓުގައި އުމުރުން އެންމެ 16 އަހަރުގެ ޓޮނީ ފެނާންޑޭޒްއަށް ފުރުސަތު ދީފައިވެއެވެ.

މިހާތަނަށް ރެކޯޑު 31 ފަހަރު ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައިވާ ބާސާއިން އެންމެފަހުން އެ މުބާރާތް ކާމިޔާބުކުރީ 2020-21 ވަނަ އަހަރުގެ ސީޒަނުގައެވެ،