ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުރީފުކުރައްވައިފިއެވެ.

ރައީސް އެފަދައިން ތައުރީފު ކުރެއްވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރުމުގެގޮތުން، މިއަދު އާންމުކުރެއްވި މެސެޖެއްގައެވެ.

‎އެ މެސެޖުގައި، ބްރެއިލްގެ އީޖާދީ، އިންގިލާބީ ބަދަލާއެކު ލޮލަށް ފެނުމުގައި ދަތިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. ބްރެއިލަކީ އެފަދަ ފަރާތްތަކަށް މުޖުތަމައުގައި ކުރިމަތިވާ ހިރާސްތައް ނައްތާލުމަށް ލިބުނު ބާރުގަދަ ވަސީލަތެއް ކަމަށާއި އޭގެ ސަަބަބުން، އެފަދަ ފަރާތްތަކަކީ ގައުމީ ތަރައްގީގައި ފުރިހަމަ ބައިވެރިންނަށް ވެގެންދާކަަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ މެސެޖުގައި ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

‎ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި ވަސީލަތްތައް ފަރުމާކޮށް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެ ގައުމެއްގެވެސް އަސާސީ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސްގެ މެސެޖުގައި ވިދާޅުވީ އަދުގެ ސަރުކާރަކީ މުޖުތަމަައުގެ އެފަދަ ޒަރޫރީ ބޭނުންތަކަށް ރިއާޔަތްކޮށް، ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ ސަރުކާރެއް ކަމަށެވެ.

‎ރައީސްގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމާއި މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ދައުރު އިތުރުކުރުމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށް އެހީތެރިވެވޭގޮތަށް ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ތަކުރާރުކުރައްވަމުންނެވެ.