ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންފިއެވެ.
އިންޑިއާއަށް ވަޑައިގެންނެވުމަށްފަހު މިނިސްޓަރު ހަލީލު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދަތުރުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ދަތުރުގައި އުފެއްދުންތެރި މަޝްވަރާތަކެއްކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ގުޅުން އިތުރަށް ވަރުގަދަކޮށް މުހިންމު ދާއިރާތަކުގައި އެއްބާރުލުންދިނުމާ މެދު މަޝްވަރާކޮށް، ދެ ގައުމަށް ވެސް ފައިދާވާނެ ގޮތްތަކެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހަލީލު ވިދާޅުވިއެވެ. އެ ދަތުރުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހަލީލު ނުދެއްވައެވެ.
މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެ ގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.
އިންޑިއާއަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު ވަނީ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. އެ އެގްރީމަންޓަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި އިންޑިއާގެ ރިސާވް ބޭންކާ ދެމެދު ވެވުނު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ އެގްރީމެންޓެކެވެ.
އޭގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކޮށްފައެވެ. އަދި ވަނީ އިންޑިއާގެ އެހީގައި ހއ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރަންވޭ އިފުތިތާހުކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޑިއާގެ އެހީގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
މޯދީއަށް ރާއްޖެ ވަޑައިގަތުމަށް، ރައީސް ދައުވަތުދެއްވީ ވެސް އެ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މޯދީ ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ. މޯދީ، އެ ދުތުރުފުޅުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައެވެ. ނަމަވެސް މޯދީ ވަޑައިގަންނަވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު