އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ފަހަތުން އަރައި ބްރެންޓްފޯޑު ބަލިކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި އާސެނަލުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އާސެނަލް ވަނީ އަނެއްކާ ވެސް ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ކުރިން ނޮޓިންހަމް ފޮރެސްޓުން ތާވަލުގެ ދެވަނައިގައި އޮތް އިރު، ޗެލްސީ ތިންވަނައިގައެވެ. އާސެނަލް އޮތީ ހަތަރެއްގައެވެ.
ރޭގެ މޮޅާ އެކު އެޓީމުން ދެވަނައަށް އެރީ 19 މެޗުން 39 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް، 18 މެޗުން 45 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި ނޮޓިންހަމް ފޮރެސްޓް އޮތީ 19 މެޗުން 37 ޕޮއިންޓާއެކުގައެވެ. ޗެލްސީ މިވަގުތު ހަތަރު ވަނައަށް ވެއްޓިފައި އޮތީ 19 މެޗުން 35 ޕޮއިންޓާއެކުގައެވެ.
މިއަހަރުގެ ފުރަތަމަ ޕްރިމިއާ ލީގު މެޗުގެ ކުރީކޮޅުގައި ބްރެންޓް ފޯޑުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ބްރައިން އެމްބުއޭމޯއެވެ. އެ ގޯލާއެކު އާސެނަލް ކޮންމެވެސް ވަރަކަށް ހާސްވި ނަމަވެސް، ރައްދު ދޭން މާ ގިނައިރެއް ނުނެގިއެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ޖެހި ގޯލުން އާސެނަލް އެއްވަރު ކުރިއެވެ. އެންމެފަހުން އާސެނަލުން ކުޅުނު ހަތަރު މެޗުގައި ޖީސަސް ވަނީ ހަ ގޯލު ޖަހައިފައެވެ. މިވަގުތު ހުރި ފޯމުގައި އޭނާއަކީ އާސެނަލްގެ އެއް ނަމްބަރު ފޯވަޑެކެވެ.
އަނިޔާގެ ސަބަބުން ބުކަޔޯ ސަކާއަށް ރޭގެ މެޗުވެސް ގެއްލިފައިވާ އިރު، ފުރަތަމަ ކޮޅުގައި އޭނާ ނެތްތައް އާސެނަލަށް ދެއްކިއެވެ. އެޓޭކްތައް އުފައްދަން އުނދަގޫތައް ކުރިމަތިވެފައިވާ އިރު، އާސެނަލް މެޗުން ތިން ޕޮއިންޓް ޔަގީންކުރީ ދެވަނަ ހާފުގައެވެ.
އާސެނަލުން ދެވަނަ ހާފުގައި ޖެހި ދެ ގޯލު، ކައިރި ކައިރިން ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޯލަކީ ކޯނަރަކުން ތަނަވަސް ކުރި ފުރުސަތެއްގައި މިކޭލް މެރީނޯ ޖެހި ގޯލެކެވެ. އަދި އަނެއް ގޯލު ޖެހީ ގެބްރިއަލް މާޓިނެލީއެވެ. އެއީ ބްރެންޓްފޯޑު ކީޕަރު މާކް ފްލެކެން އަތުން ދިޔަ ބޯޅައެއްގެ ރީބައުންސްގައި ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު