ބާސެލޯނާއަށް މި ސީޒަނަށް ގެންދިޔަ ސްޕެއިންގެ ތަރި ޑެނީ އޮލްމޯ، ސީޒަނުގެ ފަހު ބަޔަށް ރަޖިސްޓްރީ ކުރަން އެ ކްލަބުން ކުރަމުންދާ މަސައްކަތުގައި ގޮތް ހުސްވާ ހިސާބަށް ގޮސްފިއެވެ.

ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުން، އެޓީމަށް އަލަށް ގެންދާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އަބަދު ވެސް އުނދަގޫތަކާ ދިމާވެއެވެ. އެއީ އެ ކްލަބުގެ މުސާރަތައް ވަކި އަދަދެއްގައި ހިފަހައްޓަން ޖެހޭތީއެވެ.

އޮލްމޯ، 26، ޖަރުމަނުގެ އާރްބީ ލެއިޕްޒިގުން ބާސާއާ ގުޅިފައި ވަނީ 51 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޮލްމޯ ބާސާއަށް ގެންގޮސް، އެ ކްލަބުން އޭނާ ވަގުތީ ގޮތުން ރަޖިސްޓާ ކުރީ ސީޒަނުގެ ފުރަތަމަ ބަޔަށެވެ. އެއީ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންއަށް އަނިޔާވުމުން، އޭނާ ސްކޮޑުން ބޭރުކޮށްފައެވެ.

އެގޮތަށް އެކަން ކުރަން ފުރުސަތު ދިނީ ވަގުތީ ގޮތުންނެވެ. އެއީ ކްރިސްޓިއަންސަން ފިޓް ވަންދެން ލަ ލީގާއިން ދިން ފުރުސަތެކެވެ. އެ ފުރުސަތާ އެކު އޮލްމޯގެ ރަޖިސްޓްރީ ކަންތަކަށް ހައްލެއް ހޯދަން ފަސް ވަރަކަށް މަސް ލިބުނު ނަމަވެސް ބާސާއަށް އެކަން ނުވެ، މިފަހަރު ހުށަހެޅީ ކްލަބަށް ވަންނަ ފައިސާ އިތުރު ކުރާނެ ކަމަށް ވައުދުވެ، އޮލްމޯ ރަޖިސްޓްރީ ކޮށްދޭތޯއެވެ.

އެކަން އެގޮތަށް ނުކުރުމުން ބާސާއިން ދެ ކޯޓަކަށް ދިޔަ ނަމަވެސް، ނިންމުން ނިންމީ ބާސާއާ ދެކޮޅަށެވެ. އެ ނިންމުންތަކަށް ލަ ލީގާއިން މަރުހަބާ ކިޔާފައިވާ އިރު، 31 ޑިސެމްބަރުގައި ބާސާއިން ލަ ލީގާއަށް މައްސަލަ ހުށަހަޅާފައި ވަނީ އޮލްމޯ އިތުރު ގޮތަކުން ރަޖިސްޓްރީ ކުރެވެން ޖެހޭނެ ކަމަށް ބުނެއެވެ.

އެ މައްސަލަ ބަލަމުންދާ ނަމަވެސް، އެކަމުގައި ބާސާއަށް އުންމީދެއް ނެތެވެ. ހަބަރުތައް ބުނީ އޮލްމޯ ބާސާގެ ތަމްރީނުތަކަށް އިއްޔެ ނުކުތް ނަމަވެސް، އޭނާ ހުރީ މާޔޫސްކަމެއްގައި ކަމަށެވެ.

ބާސާއަށް އޮލްމޯ ރަޖިސްޓްރީ ކުރަން އިތުރު ކަމެއް ކުރެވެން ނެތް މި ހާލަތުގައި އެޓީމަށް އޮތް އުންމީދަކީ އެންމެފަހުން ޑިސެމްބަރު 31 ގައި ހުށަހެޅި ޕްރޮޕޯސަން ލަ ލީގާއިން ގަބޫލުކުރުމެވެ. އެހެން ނޫންނަމަ، އޮލްމޯ ވާނީ ފްރީ އެޖެންޓަކަށެވެ.