ސައުދީ އަރަބިއާއަށް ޑްރަގް އެތެރެކުރި އިރާނުގެ 6 މީހަކު މަރާލައިފިއެވެ.

ސައުދީން މަރާލާފައިވަނީ އެ ގައުމަށް ޑްރަގް އެތެރެކުރިކަން ސާބިތުވެފައިވާ އިރާނަށް ނިސްބަތްވާ 6 މީހުން ކަމަށް ސައުދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސައުދީގެ އިރުމަތީ ޕްރޮވިންސެއްގައި މަރުގެ ހުކުމް ތަންފީޒުކުރި އެ 6 މީހުން އެ ގައުމަށް އެތެރެކޮށްފައިވަނީ ހަޝިޝް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ 6 މީހުން ހައްޔަރުކުރުމަށްފަހު ޑްރަގް އެތެރެކުރިކަން ސާބިތު ވެފައިވާކަމަށާއި އެމީހުންނަށް ސައުދީގެ ކޯޓަކުން ކޮށްފައިވާ މަރުގެ ހުކުމް އިތުރަށް ކަށަވަރު ކުރުމަށް ސައުދީގެ ސަލާމަތީ ބާރުތަކުން ވަނީ އެގައުމުގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފައެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ އެމީހުން މެރުމަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެ ގައުމުގެ އާންމުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ހަރުކަށި އަދަބު އަބަދުވެސް ދޭނެ ކަމަށް ބުނެފައެވެ.