ދެވަނަ ޑިވިޝަނުގެ ޕްލައިމައުތު އަރްގީލޭގެ ކޯޗަކަށް ހުރި ވޭން ރޫނީ، އެ މަގާމު ދޫކޮށްލައިފިއެވެ.
އުމުރުން 39 އަހަރުގެ ރޫނީ ޕްލައިމައުތުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ މޭ މަހުގައެވެ. އޭނާއާއެކު އެ ކްލަބުގެ ނަތީޖާތަށް ފެނުނީ ވަރަށް ގޯސްކޮށެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 23 މެޗުގައި ޕްލައިމައުތު ވަނީ 13 މެޗުން ބަލިވެފައެވެ. އެޓީމު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.
އެ ނަތީޖާތަކާއެކު ޕްލައިމައުތު ތާވަލުގެ ފުލުގައި އޮތް އިރު، މީގެ ކުރިންވެސް ރޫނީއަށް ކޯޗުކަމުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޕްލައިމައުތާ އޭނާ ހަވާލުވީ އޭގެ ކުރިން ކޯޗުކަމުގައި ހުރި ކްލަބު، ބާމިންހަމްއިން ވަކިކުރުމުންނެވެ.
ބާމިންހަމްގައި ރޫނީ ހުރީ އެންމެ 83 ދުވަހުއެވެ. އެ ކްލަބާ ރޫނީ ހަވާލުވެ ހުރި އިރު ކުޅުނު 15 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފައެވެ.
ޕްލައިމައުތުން އެންމެފަހުން އޮކްސްފޯޑު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި 2-0 އިން ބަލިވުމާއެކު ސަޕޯޓަރުން ވަނީ ރޫނީއާއި ޓީމަށް ނުރުހުންފާޅުކޮށްފައެވެ. އެމެޗަށްފަހު ރޫނީ މަގާމު ދޫކޮށްލާފައިވީ ނަމަވެސް، އޭނާ ބުނީ ސަޕޯޓަރުން ފާޅުކުރި ނުރުހުން އެއީ އޭނާއަށް އަމާޒުކުރި ނުރުހުމެއް ނޫން ކަމަށް ދެކޭ ކަމަށެވެ.
އެސިސްޓެންޓް ކޯޗު، މައިކް ފީލެން މިވަގުތު ޕްލައިމައުތުގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، ރޫނީގެ ކުރިމަގާމެދު އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރޫނީއަކީ ކުޅުންތެރިއެއްގެ ގޮތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފޯވަޑެކެވެ. އިންގްލެންޑަށް ކުޅުނު 120 މެޗުގައި 53 ގޯލު ޖަހާފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑްގެ ރެކޯޑު ގޯލު ޖެހުންތެރިޔަކީވެސް އޭނާއެވެ. އެއީ 393 މެޗުން 183 ގޯލު ޖަހައިގެންނެވެ.
ވޭން ރޫނީ
ވޭން ރޫނީ
ވޭން ރޫނީ
ވޭން ރޫނީ