މެންޗެސްޓާ ޔުނައިޓެޑްގެ ރޫހު ގެއްލި، ކްލަބުގެ ތާރީހުގައި ނުދާ ވަރަށް ކަންކަން ދަށަށް ގޮސްފައިވާ ކަމަށާއި، އެކަންކަން ހައްލުކުރުމަށް ރުބެން އަމޯރިމްއަށް އިތުބާރު ނުކުރެވޭ ކަމަށް، ރެކޯޑު ގޯލު ޖެހުންތެރިޔާ ވޭން ރޫނީ ބުނެފިއެވެ.
ޔުނައިޓެޑަށް ކުޅެ، ރެކޯޑު 253 ގޯލު ޖަހައިދީފައިވާ ރޫނީ އެހެން ބުނެފައި ވަނީ އޭނާގެ އަމިއްލަ ޕޮޑްކާސްޓެއް ކަމަށްވާ "ދަ ވޭން ރޫނީ ޝޯ"ގައެވެ.
ރޫނީ ބުނީ އަމޯރިމްއަކީ ޒުވާން، ކުރިމަގު އޮތް ކޯޗެއް ނަމަވެސް، މިހާރު ޔުނައިޓެޑްގައި ކުރަމުންދާ މަސައްކަތް ބަލައި ނުގަނެވޭ ކަމަށެވެ. ހާއްސަކޮށް އަމޯރިމްއާއެކު ޔުނައިޓެޑްގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ރޫނީ ބުންޏެވެ.
"އަހަރެންވެސް ޒުވާން އުމުރުގައި ކޯޗުކަމަށް މަސައްކަތް ކުރިން. އެކަން ކާމިޔާބެއް ނުވި. މި ބުނަނީ އަމޯރިމްއަށް އެހެން ވާނެއެކޭ ނޫން. އަމޯރިމްއަށް ކުރިމަގެއް އެބައޮތް. އެކަމަކު މިހާރު ޔުނައިޓެޑަކީ ހަގީގީ ޔުނައިޓެޑެއް ނޫން. އަމޯރިމްއާއެކު އެ ހާލަތު ބަދަލުކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް، އުންމީދެއް، އަދި އިތުބާރެއްވެސް ނެތް،" ރޫނީ ބުންޏެވެ.
އަމޯރިމް ޔުނައިޓެޑާ ހަވާލުވިފަހުން އެޓީމުން ލީގުގައި ކުޅުނު 33 މެޗުގެ ތެރެއިން 17 މެޗުން ބަލިވެއްޖެއެވެ. އަދި އެޓީމަށް މޮޅުވެވުނީ 14 މެޗުން އެކަންޏެވެ. މިވަގުތުވެސް ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.
ޔުނައިޓެޑާއެކު ފަސް ފަހަރު ލީގު ހޯދާފައިވާ ރޫނީ ބުނީ ޔުނައިޓެޑްގައި މިހާރު ގޯހީ ކުޅުން އެކަނި ނޫން ކަމަށާއި، އެ ކްލަބުގެ "ވިންދާއި ރޫހު" ގެއްލިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ޔުނައިޓެޑް އަލުން ފަށަން ޖެހިފައިވާ ކަމަށާއި، އަލުން ފަށަން ޖެހެނީ އާ އިންޖީނަކާއެކުގައި ކަމަށެވެ.
ރޫނީ އެހެން ބުނެފައި ވަނީ ދާދިފަހުން ޔުނައިޓެޑްގެ ހިއްސާ ގަނެ، ކްލަބު ހިންގުމުގައި އިސްކޮށް މަސައްކަތް ކުރާ ޖިމް ރެޗްކްލިފަށް ނިސްބަތްކޮށް ކަމަށް ބެލެވެއެވެ. އޭނާ ކްލަބު ގަނެ، މިހާރު ވަނީ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް، ކެންޓީނުން ހިލޭ ލިބެމުންދާ ކެޔުންތައް މުއައްޒަފުންނަށް ނުލިބޭނެ ގޮތް ހަދައި، ޓިކެޓްވެސް އަގު ބޮޑު ކޮށްފައެވެ. އެއީ ގެއްލުންވާތީ ކަމަށް ބުނެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް