މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ވޭން ރޫނީ ދަމަހައްޓަމުންދިޔަ ރެކޯޑެއް، މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް މުގުރާލައިފިއެވެ.

ހާލަންޑް އެ ރެކޯޑު މުގުރާލާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އަމިއްލަ ދަނޑުގައި ރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 22 ވަނަ ސިކުންތުގައި ގޯލެއް ޖަހައި ބްރެންޓްފޯޑުން ލީޑު ހޯދާފައިވަނިކޮށް، ސިޓީއަށް ތިން ޕޮއިންޓު ކަށަވަރުވީ ހާލަންޑް ޖެހި ދެ ގޯލުންނެވެ.

ހާލަންޑް މުގުރާލާފައިވަނީ ލީގުގެ ފުރަތަމަ ހަތަރު މެޗުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. ކުރިން 2011 ވަނަ އަހަރު ރޫނީ އެ ރެކޯޑު ހަދާފައިވަނީ ހަތަރު މެޗުން އަށް ގޯލު ޖަހައިގެންނެވެ. މިސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ސިޓީން ކުޅުނު ހަތަރު މެޗުން ހާލަންޑް ވަނީ ނުވަ ގޯލު ޖަހައިފައެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ޖެހިޖެހިގެން ދެ މެޗެއްގައި ހާލަންޑް ވަނީ ހެޓްރިކެއް ވެސް ފުރިހަމަކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފައެވެ.

މިއީ ސިޓީއާ ގުޅުނު ފަހުން ހާލަންޑުގެ ސީޒަނުގެ އެންމެ ރަނގަޅު ފެށުމެވެ. މިދިޔަ ސީޒަނުގައި ހާލަންޑަށް ނުވަ ގޯލު ޖެހިފައިވަނީ ނުވަ މެޗު ކުޅެގެންނެވެ. އަދި އޭގެ ކުރިން އޭނާގެ ފުރަތަމަ ސީޒަނުގައި ފަސް މެޗުން ވަނީ ނުވަ ގޯލު ޖަހައިފައެވެ. އުމުރުން 24 އަހަރުގެ ހާލަންޑް މިހާރު ވަނީ ޕްރިމިއާ ލީގުގައި އެރިކް ކެންޓޯނާ އަދި ލުއިސް ސުއަރޭޒަށް ވުރެ ގިނަ ގޯލު ޖަހައފައެވެ. މިހާތަނަށް ހާލަންޑް ކުޅުނު 70 ލީގު މެޗުން އޭނާ ވަނީ 71 ގޯލު ޖަހައިފައެވެ.

ރޭގެ މޮޅާއެކު ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ތިން ޕޮއިންޓުގެ ލީޑަކާއެކުއެވެ. ސިޓީއަށް ފަރަގު ބޮޑުކުރެވުނީ ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވުމުންނެވެ. ސިޓީން ދެން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަށް ސިޓީ ނުކުންނާނީ އަންނަ ބުދަ ދުވަހުއެވެ.