މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ.

ވީއައިއޭ އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިއަހަރުގެ ފުރަތަމަ ޓޫރިސްޓު މީހަކީ ލުއިސް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާގެ މި ދަތުރުގައި އަންހެނުންނާއި ދަރިފުޅު ވެސް ބައިވެރިވިއެވެ.

މިއީ އެ އާއިލާއިން ރާއްޖެއަށް ޒިޔާރަތްކުރި 11 ވަނަ ފަހަރު ކަމަށާއި އެއީ ސްޕެއިންއަށް ނިސްބަތްވާ އާއިލާއެއް ކަމަށެވެ. އެ މީހުންގެ ހިތުގައި ރާއްޖެއަށް ދެވިފައިވަނީ ހާއްސަ ލޯބްބަކާއި ގަދަރެއް ކަމަށް ވީއައިއޭ އިން ބުންޏެވެ.

ރާއްޖޭގެ ހިތްފަސޭހަ މާހައުލަކީ އެ އާއިލާއަށް ދެވަނަ އާއިލާއެއް ކަހަލަ ތަނެކެވެ. އެކަމަށްޓަކައި ވީއައިއޭ އިން އެމީހުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.