ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ، ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލައަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު، އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު ހުށަހެޅުއްވި މައްސަލައެކެވެ.
އެ މައްސަލައިގައި ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ އިއްޔެ ނިންމަވާފައިވާ ނިންމެވުމުގައި ވަނީ، 30 އޮގަސްޓް 2023 ގައި ރައީސް އޮފީހުން ނެރެފައިވާ ގަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރު ލިބިގެން އެ ގާނޫނުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަން ރާގިބަށް ބުނެދެވިފައި ނުވުމުން، އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދު އަދި އެ ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ، ރާގިބުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ މައްސަލަ ކޯޓަށް ބަލަގަނެވެގެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ގައެވެ.
މީގެ ކުރިން ރާގިބް "ވަން" އަށް ވިދާޅުވެފައިވަނީ، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވާ ނަމަ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އޭނާ ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުން ކަމަށް އެނގިފައިވާ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އެ ރަށު ކައުންސިލުން ގެންގުޅުނު ސައްހަ ނޫން ލިސްޓަކަށް ބަލައިގެން ކަމަށްވެސް ރާގިބް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މި މައްސަލަ ދިރާސާކުރި އިރު އެބަހުރި 30-40 ވަރަކަށް މަރުވެފައިވާ މީހުން ރަށުގެ އާބާދީގެ ގޮތުގައި ހިމަނާފައި. 30 އަހަރު ކުރިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންވެސް އެބަހުރި ހިމަނާފައި. އަދި އެބަހުރި އެއް ނަމެއް ކިޔާ މީހަކު، އެ މީހާގެ އާންމު ނަމާއި ގޭގެ ނަމާއި މަންމަ އަދި ބައްޕަގެ ނަން އެއްގޮތް އެކަމަކު އައިޑީ ކާޑު ނަންބަރު ތަފާތު. އެގޮތަށް އެކެއްގެ ނަމުގައި ވަރަށް ގިނައިން އެބަހުރި. މީ ބޮޑު އޮޅުވާލުމެއް،" ރާގިބް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ޑީއެންއާރުގެ މައުލޫމާތު ނުދައްކާ އިރު، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅޭ ގޮތުންވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މި އަހަރުގެ މާޗު މަހުގެ 18 ގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު