ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާއިން ތާއީދެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އިންޑިއާއާ ގާތް ގުޅުމެއް އޮންނަ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އިންޑިއާއިން ފަންޑުކޮށްގެން ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމަށްބުނެ އެމެރިކާގެ ނޫހެއްކަމުގައިވާ ވޮޝިންޓަން ޕޯސްޓް އިން ނެރުނު ރިޕޯޓާ ގުޅިގެންނެވެ.

އެ ރިޕޯޓާ ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެ ނޫހުގައިވާ ރިޕޯޓް ކިޔުއްވާފައިވާ ކަމަށާއި ނަމަވެސް ރައީސްއާ ދެކޮޅަށް އެއްވެސް ސީރިއަސް ރޭވުމެއް ރޭވިކަމެއް ސާފު ނުވާ ކަމަށެވެ.

"ބައެއް މީހުން އަބަދުވެސް ތިބެނީ މަކަރުވެރި ރޭވުމެއްގައި، ރާއްޖޭގެ ޑިމޮކްރަސީއަށް އިންޑިއާއިން އަބަދުވެސް ތާއީދުކުރާތީ. އެފަދަ ފިޔަވަޅަކަށް އިންޑިއާއިން ދުވަހަކުވެސް ތާއީދެއް ނުކުރާނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާއަކީ އެއްވެސް އިރެއްގައި ވަކި ކަމަކަށް ރާއްޖެއަށް ޝަތުރުކޮށްފައިވާ ގައުމެއް ނޫން ކަމަށެވެ.

ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ޕްލޭންގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުންޏެވެ.