އިންޑިއާ އިން ހަރަދުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ބުނީ، އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (އާރްއޭޑަބްލިޔު) އިން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ސަރުކާރާ އިދިކޮޅު ސިޔާސީ ލީޑަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް"ގެ ނަމުގައި ޕްލޭނެއް ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ޕްލޭންގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދިނުމާއި، ސިފައިންނާއި ފުލުހުންގެ އިސް ދިހަ އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދިނުން ހިމެނޭ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

އެ ޕްލޭން ތަންފީޒުކުރަން ބޭނުންވާ ހަ މިލިއަން ޑޮލަރު އިންޑިއާއިން ހޯދުމަށް އެ ގައުމާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެ ޕްލޭނާ އެއްގޮތަށް ކަންކަން ނުދިއުމުން އިންޑިއާއިން ފައިސާ ދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުންޏެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި އިންޑިއާއިން ކަަންބޮޑުވަނީ އިންޑިއާ ކަނޑަށް ޗައިނާގެ ބާރު ގަދަވެދާނެތީއެވެ.

ނޫހުގައި އިތުރަށް ބުނީ، އިންޑިއާއިން ރާއްޖެއާއެކު އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތްކުރާ ކަމަށާއި އެގޮތުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށެވެ.

ވޮޝިންގްޓަން ޕޯސްޓުގެ އެ ރިޕޯޓާ ގުޅިގެން އިންޑިއާ އާއި ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.