ކެފްރެން ތުރާމްގެ ދެ ގޯލާއެކު ޔުވެންޓަސްއިން ފިއޮރެންޓީނާއާ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ސެރެއާ އޭގައި ރޭ ޔުވެންޓަސްއިން ހޯމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުވެންޓަސް އަހަރު ނިންމާލީ ފިއޮރެންޓީނާއަށްވުރެ ތިރިން 6 ވަނައިގައެވެ. އެއީ 18 މެޗުން 32 ޕޮއިންޓާއެކުގައެވެ. ފިއޮރެންޓީނާ ފަސްވަނައިގައި، 17 މެޗުން 32 ޕޮއިންޓާއެކު އޮތް އިރު، ދެޓީމުގެ ފަރަގަކީ އެންމެ ފައިދާ ގޯލެއްގެ ފަރަގެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ދެ ގޯލުވެސް ޖަހައިދިނީ ލިލިއަން ތުރާމްގެ ދަރިފުޅުނު ކެފްރެން އެވެ. އޭނާއަކީ އިންޓައަށް ކުޅެމުން އަންނަ މާކަސް ތުރާމުގެ ކޮއްކޮއެވެ. އެހެންކަމުން ކެފްރެން ވެފައި ވަނީ ސެރެއާ އޭގައި ގޯލު ޖެހި ތުރާމް އާއިލާގެ ތިންވަނަ ކުޅުންތެރިޔާއަށެވެ. ކެފްރެންގެ ބައްޕަ، ލިލިއަން ވަނީ ކެރިއަރުގައި ޔުވެންޓަސްއަށް ގިނަ މެޗުތަކެއް ކުޅެފައެވެ.

ރޭގެ މެޗުގައި ފިއޮރެންޓީނާގެ ގޯލުތައް މޮއިސް ކީންއާއި ރިކާޑޯ ސްޓިލްއެވެ. މޮއިސް ކީން ރޭގެ މެޗުގައި ޖެހި ގޯލަކީ އޭނާ މި ސީޒަނުގެ މިހާތަނަށް ޖެހި 11 ވަނަ ގޯލެވެ.

ތިއާގޯ މޯޓާ އިރުޝާދު ދެމުން އަންނަ ޔުވެންޓަސް، އެންމެފަހުން ކުޅުނު 26 މެޗުން ބަލިވެފައި ނުވާ އިރު، އޭގެ ތެރެއިން ގިނަ މެޗުތަކެއް އެއްވަރުވިއެވެ. އެގޮތުން ލީގުގައި ކުޅެފައިވާ 18 މެޗުގެ ތެރެއިން 11 މެޗުންވެސް އެޓީމު ވަނީ އެއްވަރުވެފައެވެ.