ބ. ހިތާދޫ ދާއިރާގެ ޓީމުތަކަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖު 2024 ގެ ޗެމްޕިއަންކަން ބަގޭސް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބަގޭސްއިން ހޯދީ ރޭ ހުޅުމާލޭ ޓްރީޓޮޕް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 5-0 އިން ސުޕަ ކިންގްސް ބަލިކޮށްގެންނެވެ.
މިއަހަރު މުބާރާތުގައި ޖުމުލަ 6 ޓީމަކުން ވާދަކުރި އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ސެމީ ފައިނަލަށް ދިޔައީ އެންމެ މޮޅު ދެޓީމެވެ.
ރޭގެ ފައިނަލް މެޗުގައި ބަގޭސް ތަފާތު ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުގެ ޝާފިއު ސުއޫދު ވަނީ ހެޓްރިކް ހަދައިފައެވެ. އޭނާގެ އިތުރުން ގޯލުތައް ޖަހައިދިނީ އާރިމް އަހުމަދާއި މުހައްމަދު އަބްދުﷲ އެވެ. ރޭގެ ފައިނަލަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ބަގޭސްއަށް ހެޓްރިކް ފުރިހަމަކޮށްދިން ޝާފިއު ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ބަގޭސްގެ މުހައްމަދު އަބްދުﷲ އެވެ. އޭނާ ވަނީ މުބާރާތުގައި 10 ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށްވެސް ބަގޭސްގެ މުހައްމަދު އަބްދުﷲ ހޮވުނު އިރު، އޭނާއަކީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. ފެއާ ޕްލޭ ޓީމަކީ ސެމީގައި ވާދަކޮށް ކެޓި، ރަން ކްލަބެވެ.
- މުހައްމަދު އަބްދުﷲ/ ބަގޭސް އެސްސީ
- ޝާފިއު ސުއޫސު/ ބަގޭސް އެސްސީ
- ސާމިހު އަލީ ޝަރީފް/ ސުޕަ ކިންގްސް
- މުހައްމަދު ރަޝްވާން/ ސުޕަ ކިންގްސް
- މުހައްމަދު އަޔާޒް/ ބަގޭސް އެސްސީ
ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖްގެ މަގުސަދަކީ ދާއިރާގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ. މުބާރާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް ހިންގުމަށް ވިސްނާފައިވާ އިރު، މިއީ ބަރާބަރު ފުޓްސަލް ޗެލެންޖްގެ ދެވަނަ މުބާރާތެވެ. ދެ މުބާރާތްވެސް ނިމިގެން ގޮސްފައި ވަނީ ކާމިޔާބުކޮށެވެ.
ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް