މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރުމަށް، ޓްރެފިކަށް ބަދަލުތަކެއްް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާ ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލު އެނގޭނެ ޗާޓުން ދައްކާގޮތުން ރަށްދެބައި މަގުން މަޖީދީމަގަށް ވާއަތްފަރާތަށް ލަނބާލާ ހިސާބުން ފެށިގެން ދަނބުރުއްމަގާ ހަމައަށް ޓްރެފިކް ކޮންޓްރޯލު ކުރެވޭނެއެވެ. އަދި ކުރީގެ އަރަބިއްޔާ ސްކޫލު ކުރިމަތީ އޮންނަ މަޖީދީމަގަށްވީ ފަޅި މަރާމާތު ކުރުމަށް ބަންދުވާނެއެވެ. އަދި ނިކަގަސްމަގުން ޗާންދަނީ މަގަށް ޓްރެފިކް ކޮންޓްރޯލު ކުރާނެއެވެ.
އޭގެ އިތުރުން ޖަނަވަރީ ގޯޅިން މަޖީދީ މަގަށް އެއްވެސް ފަޅިއަކުން ނުނިކުމެވޭނެއެވެ. އެހެންކަމުން އެކަމަށްޓަކައި ރައްޔިތުން އެއްބާރުން ދިނުމަށް ސިޓީ ކައުންސިލުން އެދެއެވެ.
މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކާގޮތުން، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން މާލެއަށް 136.5 މިލިމީޓަރުގެ ވާރެ ވެހިފައިވެއެވެ. އަދި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން، މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދިޔައެެވެ.
މާލެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައެވެ. އޭގެ އިތުރުން މަޖީދީމަގުގައި ވެސް ފެންބޮޑުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު