އަލިފާނުގެ ހާދިސާގެ ތަހުގީގަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުރައިފިއެވެ.
އެ ޓީމު ރާއްޖެ އައިސްފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ހިމެނޭހެން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ކޮންސްޓަކްޝަން މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުންގެންދިޔަ އިމާރާތް ރޯވި ގޮތް ތަހުގީގުކުރުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ޓީމު އެނބުރި އިންޑިއާއަށް ފުރާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުގެ މައުލޫމާތު މީޑިއާތަކަށް ފަހުން ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ މެދުވެރިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިމަހުގެ 20 ގައި ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުގެ އިދާރާގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެ ޓީމުން ތަހުހީގު ފެށުމުގެ ކުރިންވެސް ހައުސިން މިނިސްޓްރީ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީ އާއި އެންވައިރަމަންޓް މިނިސްޓްރީ އަދި ކޮންސްޓަކްޝަން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ ދަރުބާރުގެއަށެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް ވަގުތީގޮތުން ދެމުންގެންދަނީ ތާޖުއްދީން ސްކޫލު ހޯލުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު