ބ. ހިތާދޫ ދާއިރާގެ ޓީމުތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލް އެންމެ ފަހު ޖާގަ، ރަން ކްލަބުން ހޯދައިފިއެވެ.

ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތް މި ފަހަރު ހިތާދޫ ދާއިރާގެ ބ. ހިތާދޫ، ބ. ދަރަވަންދޫ އަދި ބ. މާޅޮހުގެ ޓީމުތަކަށް ހުޅުވާލައިފައިވާ އިރު، މިއީ ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތްވެސް ފެނުނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމު ކަނޑައަޅަން ސުޕަ ކިންގްސްއާއި ބަގޭސް އެސްސީން ރޭ ކުޅުނު މެޗު، ސުޕަ ކިންގްސްއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އެއާއެކު ގްރޫޕް ސެޓޭޖުގެ ދެމެޗުން މޮޅުވެ، ކިންގްސް ސެމީއަށް ދިޔައީ އެއްވަނައިގައެވެ. ބަގޭސްއަށް ލިބުނީ އެ ގްރޫޕްގެ ދެވަނައެވެ.

ރޭގެ މެޗުގައި ސުޕަ ކިންގްސްގެ ގޯލުތައް ޖެހީ ސާމިހު އަލީ ޝަރީފާއި މުހައްމަދު އަނީލްގެ އިތުރުން އަހުމަދު ސައްމާހް އަދި މުހައްމަދު ޝަހުބާނެވެ. ސާމިހު ދެ ގޯލު ޖެހިއެވެ.

ބަގޭސްގެ ގޯލުތައް ރޭ ޖެހީ މުހައްމަދު އަޔާޒާއި މުހައްމަދު އަބްދުﷲއެވެ. އަޔާޒް ދެ ގޯލު ޖެހިއެވެ.

ގްރޫޕް ބީ ވާދަވެރިކޮށް ނިމިގެން ގޮސްފައިވާ އިރު، ރޭ ރަން ކްލަބާއި ބަރާބަރު ލެޖެންޑްސް ވާދަކުރި މެޗަކީ ސެމީގެ ދެވަނަ ޖާގައަށް ކުޅުނު މެޗެވެ. އެ މެޗު 3-3 އިން އެއްވަރުވި އިރު، ރަން ކްލަބަށް ސެމީގެ ޖާގަ ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ. އެއީވެސް އެންމެ ގޯލެއްގެ ފަރަގުންނެވެ.

އެ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ކުރިންވެސް ދަ ބެސްޓް އޮތީ ސެމީއަށް ދަތުރު ކޮށްފައެވެ.

ރޭގެ މެޗުގައި ރަން ކްލަބުގެ ގޯލުތައް ޒަމީލް މުހައްމަދާއި ރާމިޒު އަބްދުލް ވައްހާބް ކާމިޔާބުކުރި އިރު، ޒަމީލް ދެ ގޯލު ޖެހިއެވެ. ބަރާބަރު ލެޖެންޑްސްގެ ގޯލުތައް ޖެހީ އިބްރާހީމާއި މަމްދޫހުގެ އިތުރުން ކީޕަރު އަބްދުﷲ ނާސިހެވެ.

ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖްގައި ޓީމުތަކަށް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން، ބ. އަތޮޅު އެހެން ރަށަކުން އެއް ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މުބާރާތުގެ ސެމީ މެޗުތައް މިރޭ އޮންނަ އިރު، ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.