ބ. ހިތާދޫ ދާއިރާގެ ޓީމުތައް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ދަ ބެސްޓާއި ސުޕަ ކިންގްސްއިން ހޯދައިފިއެވެ.

ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތް މި ފަހަރު ހިތާދޫ ދާއިރާގެ ބ. ހިތާދޫ، ބ. ދަރަވަންދޫ އަދި ބ. މާޅޮހުގެ ޓީމުތަކަށް ހުޅުވާލައިފައިވާ އިރު، މިއީ ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތްވެސް ފެނުނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ އިރު، ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި އޮއްޓާސް އެފްސީ ކައިރިން ސުޕަ ކިންގްސް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. އޮއްޓާސް ފުރަތަމަ މެޗުންވެސް ބަލިވެފައި އޮތުމުން ފުރަތަމަ މޮޅަކާއެކު ސުޕަ ކިންގްސް ވަނީ ސެމީއަށް ގޮސްފައެވެ. ގްރޫޕްގެ އެއްވަނަ ޔަގީންވާނީ ބަގޭސް އެސްސީއާ ދެކޮޅަށް ސުޕަ ކިންގްސް ކުޅޭ މެޗުންނެވެ.

ރޭގެ މެޗުގައި ސުޕަ ކިންގްސްގެ ގޯލުތައް ޖަހައިދިނީ ސާމިހު އަލީ ޝަރީފާއި މުހައްމަދު އަނީލް އަދި މުހައްމަދު ޝަހުބާނާއި އަހުމަދު ޝައްމާހެވެ. ސާމިހު މެޗުގައި ދެ ގޯލު ޖެހިއެވެ. އޮއްޓާސްއަށް ރޭ މެޗުގައި ގޯލުތައް ޖަހައިދިނީ މުއާޒް މުހައްމަދާއި މުހައްމަދު ހުސައިނެވެ.

ގްރޫޕް ބީގައި ހޯދި ދެވަނަ މޮޅާއެކު ދަ ބެސްޓް އެއްވަނައިގައި ސެމީ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި ރަން ކްލަބު ކައިރިން 6-4 އިން މޮޅުވެގެންނެވެ. އެ ގްރޫޕްގެ ސެމީ ދެވަނަ ޖާގަ ޔަގީންވާނީ ރަން ކްލަބާއި ބަރާބަރު ލެޖެންޑްސް ވާދަކުރާ މެޗުންނެވެ.

ރޭ ބެސްޓްގެ ލަޔާން ހުސައިން ހެޓްރިކް ހެދި އިރު، ދެން އަނެއް ގޯލުތައް ޖެހީ މުހައްމަދު ރިލުވާނާއި މުހައްމަދު އައިހަމް އަދި ހުސައިން އަފްރާހެވެ. ރަން ކްލަބަށް ގޯލުތައް ޖަހައިދިނީ ރާމިޒް އަބްދުލް ވައްހާބާއި ޒަމީލް މުހައްމަދު އަދި މުހައްމަދު މަލީހެވެ. ޒަމީލް މެޗުގައި ދެ ގޯލު ޖެހިއެވެ.

ބަރާބަރު ޓީމުން ބުނީ މުބާރާތުގެ މަގުސަދަކީ ދާއިރާގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށާއި މުބާރާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް ހިންގުމަށް ވިސްނާފައިވާ ކަމަށެވެ.

ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.