ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް، "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" އަންނަ ފެބްރުއަރީ މަހު ބާއްވަން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ، "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ބާއްވާނީ، އަންނަ ފެބްރުއަރީ މަހުގެ 21 އިން 22 އަށް ކަމަށެވެ.

އެ ގޭމިންގް ފެސްޓިވަލުގައި މިއަހަރުގެ އުރީދޫ ނޭޝަންގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމުލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

  • ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް
  • އީއޭއެފްސީ ޗެމްޕިއަންޝިޕް
  • މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް

ފޯރިގަދަ މި މުބާރާތްތަކުގެ އިތުރުން "އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024" ގައި "އަލްޓިމޭޓް ޕްލޭޔާ އޮފް ދަ އިޔާ"، އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑް މިފަހަރު ހޮވާނެއެވެ. މި އެވޯޑަކީ މިއަހަރު އުރީދޫ ނޭޝަންގެ މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގުވަޒަންކޮށް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަންގެ ޖަޖުންގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ.

  • ޖަޖުންގެ ސްކޯ: ފައިނަލް ސްކޯގެ 60 ޕަސެންޓް
  • އާންމުންގެ އެސްއެމްއެސް ވޯޓް: ފައިނަލް ސްކޯގެ 40 ޕަސެންޓް

އުރީދޫން ބުނީ، އެ އެވޯޑަށް ހޮވޭ ފަރާތްތަކަށް ލިބޭ ޖަޖުންގެ ސްކޯ އާއި ޕަބްލިކް ސްކޯއާއެކު އެންމެ މަތިން މާކްސް ލިބޭ ކުޅުންތެރިއަކަށް އުރީދޫ ނޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބިގެންދާނެ ކަމަށެވެ.

އުރީދޫން ބުނީ "އަލްޓިމޭޓް ގޭމިން ފެސްޓިވަލް 2024" ރޭވިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށްވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޖާ ހަރަކާތްތަކާއި ގޭމިން ސެޓަޕްތަކާއެކު މި ފެސްޓިވަލަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ގޭމިން މާހައުލަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ އިވެންޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ފެސްޓިވަލަކީ ހުނަރުވެރިކަމާއި އިނޮވޭޝަނާއި ގޭމިންއަށް އޮތް ލޯބި ފާހަގަކޮށް ރާއްޖޭގެ ގޭމަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ފެސްޓިވަލެއް ކަމަށްވެސް ބުންޏެވެ.

އުރީދޫން ވަނީ، އެ ގޭމިންގް ފެސްޓިވަލުގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ މީހުންނަށް ދައުވަތު ދީފައެވެ.

"ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލާ" ބެހޭ އިތުރު މައުލޫމާތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.