ހައުސިން މިނިސްޓްރީ އުވާލުމަށްފަހު ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ޑރ. އަލީ ހައިދަރު އައްޔަންކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ބަދަލުތައް ކެބިނެޓަށް ގެންނެވީ މިއަދެވެ.
އެ ބަދަލުތަކުގެ ދަށުން ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީން އެއްކޮށްލައި މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް ބަދަލުކޮށްފައެވެ. އަދި ވަނީ އެ މިނިސްޓްރީ މިނިސްޓަރުގެ މަގާމަށް މިނިސްޓަރު މޫސާ ޒަމީރު ހަމަޖައްސަވައިފައެވެ.
ރައީސް ދެން ގެންނެވި ބަދަލަކީ ހައުސިން އާއި އިންފްރާސްޓްރަކްޗާ އެއްކޮށްލައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރުމެވެ. އެ މިނިސްޓްރީއަށް ހަމަޖައްސަވައިފައިވަނީ މިހާރު ވެސް ހުންނެވި ޑރ. އަބްދުﷲ މުއްތޮލިބެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ވަނީ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ މިއަދު އެ ހުރިހާ ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވައި ކުރައްވައިފައި ކަމަށާއި ވަޒީރުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ވަނީ ސޮއިކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓްރީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.
ރަސްމިއްޔާތަށްފަހު ރައީސް ވަނީ މިއަދު އައްޔަނުކުރެއްވި ހަތަރު ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމަށެވެ. އަދި މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މިއީ ކެބިނެޓަށް ބަދަލުތަކެއް ރައީސް ގެންނެވި ދެވަނަ ފަހަރެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު