ބ. ހިތާދޫ ދާއިރާގެ ޓީމުތައް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖު 2024 ގެ ފުރަތަމަ މެޗުތައް ބަގޭސް އެސްސީއާއި ދަ ބެސްޓުން ކާމިޔާބު ކޮށްފިއެވެ.

ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތް މި ފަހަރު ހިތާދޫ ދާއިރާގެ ބ. ހިތާދޫ، ބ. ދަރަވަންދޫ އަދި ބ. މާޅޮހުގެ ޓީމުތަކަށް ހުޅުވާލައިފައިވާ އިރު، މިއީ ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތްވެސް ފެނުނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ބަގޭސްއިން އޮއްޓާސް އެފްސީ ބަލިކުރީ 11-3 އިންނެވެ. އެ މެޗުގައި ބަގޭސްގެ މުހައްމަދު ހަތަރު ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ސާޖިދާއި އާރިމްގެ އިތުރުން އަޔާޒް އަދި މުރުތަލާއެވެ. އާރިމް ދެ ގޯލު ޖެހި އިރު، އޮއްޓާސް ކުޅުންތެރިން އަތުން ބައިކޮޅަށްވެސް ދެގޯލެއް ވަނެވެ.

އޮއްޓާސްއިން މެޗުގައި ޖެހި ގޯލުތައް ޖެހީ ތޮލްހަތާއި މުހައްމަދު އަހުމަދު ހުސައިން އަދި ހިޝާމެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ގްރޫޕް ބީގެ ދަ ބެސްޓުން ބަރާބަރު ލެޖެންޑްސް ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބެސްޓްގެ އަފްރާހް ހެޓްރިކް ހެދި އިރު، ދެން ގޯލު ޖެހީ އައިހަމް އަދި ނާޖިހެވެ. ބަރާބަރު ލެޖެންޑްސްގެ ގޯލުތައް ޖެހީ އިބްރާހީމް އަދި މަމްދޫހެވެ. އިބްރާހީމް މެޗުގައި ދެ ގޯލު ޖެހިއެވެ.

ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖްގައި ޓީމުތަކަށް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން، ބ. އަތޮޅު އެހެން ރަށަކުން އެއް ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ބަރާބަރު ޓީމުން ބުނީ މުބާރާތުގެ މަގުސަދަކީ ދާއިރާގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށާއި މުބާރާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް ހިންގުމަށް ވިސްނާފައިވާ ކަމަށެވެ.

ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.