"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އުސޫލާ ހިލާފަށް ހިންގާފައިވާ ކަންކަމުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފިހާއެކު ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ބުނީ، އާއްމު މަސްލަހަތު ބޮޑު މި މައްސަލައިގެ، ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމައި ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަަކަށް ކުރަމުން ގެންދާާނެ ކަމަަށެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި ބައެއް މީހުންނަށް ޕޮއިންޓު ދިނުމުގައި މައްސަލަތައް ހުރިކަމަށް ބުނާ މައްސަލަ އޭސީސީން ބެލުމަށްފަހު ނިންމާފައިވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
އޭސީސީން އޭރު ވަނީ، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން ހައުސިން މިނިސްޓްރީއަށް އަންގައިފައެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓެއް މިމަހުގެ ކުރީކޮޅުގައި ނެރެ، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވީ ނަމަވެސް، ލިސްޓު ނެރުން ވަނީ ފަސްކޮށްފައެވެ. ހައުސިން މިނިސްޓްރީން ލިސްޓު ނެރުން އަނެއްކާވެސް ފަސްކޮށްފައިވަނީ އެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެއެވެ.
"ގެދޮރުވެރިޔާ" ޕްރޮޖެކްޓްގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު