ބ. ހިތާދޫ ދާއިރާގެ ޓީމުތައް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖު 2024 މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތް މި ފަހަރު ހިތާދޫ ދާއިރާގެ ބ. ހިތާދޫ، ބ. ދަރަވަންދޫ އަދި ބ. މާޅޮހުގެ ޓީމުތަކަށް ހުޅުވާލައިފައިވާ އިރު، މިއީ ބަރާބަރު ޓީމުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތްވެސް ފެނުނީ ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ.
މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
- ގްރޫޕް އެކެއް: އޮއްޓާސް އެފްސީ، ބަގޭސް ސްޕޯޓްސް ކްލަބު، ސުޕާ ކިންގްސް
- ގްރޫޕް ދޭއް: ދަ ބެސްޓް، ބަރާބަރު ލެޖެންޑްސް، ރަން ކްލަބު
މިއަހަރު މުބާރާތް މިރޭ ފަށާ އިރު، ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި އޮއްޓާސް އެފްސީން ބަގޭސް އެސްސީއާ ދެކޮޅަށް ނުކުންނަ އިރު، އޭގެފަހުން މިރޭ އޮންނަ މެޗުގައި ދަ ބެސްޓުން ނުކުންނާނީ ބަރާބަރު ލެޖެންޑްސްއާ ދެކޮޅަށެވެ.
މިފަހަރު މުބާރާތުގެ ޓީމުތަކަށް އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން، ބ. އަތޮޅު އެހެން ރަށަކުން އެއް ކުޅުންތެރިޔަކު ޖެހުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
ބަރާބަރު ޓީމުން ބުނީ މުބާރާތުގެ މަގުސަދަކީ ދާއިރާގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށާއި މުބާރާތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް ހިންގުމަށް ވިސްނާފައިވާ ކަމަށެވެ.
ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް