ރާއްޖޭގެ ޒަކާތު ހައުސްއިން ހަދިޔާކުރި އެހީގައި ގާޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފިއެވެ.

ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޒަކާތު ފަންޑުން ހަދިޔާކޮށްފައިވަނީ އެއްލައްކަ ޑޮލަރެވެ. އެ ފައިސާ ހަވާލުކޮށްފައިވަނީ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ ނޮވެމްބަރު މަހު އިސްލާމިކް މިނިސްޓްރީއާއި ގަތަރު ރެޑް ކްރެސެންޓާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

ގަތަރު ރެޑް ކްރެސެންޓުން ވަނީ ރާއްޖޭގެ ޒަކާތު ފަންޑުން ފޮނުވި އެހީގައި ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއު ފަށައިފަ އެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން ގާޒާގައި ހުންނަ އަލް ޝިފާ އަދި އަލް ހަޔާތް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް 6،000 ފެން ފޭސް ބަހާފައިވާއިރު، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 60،000 މީހުންނަށް 50،000 ފެން ކޭސް ބަހާނެ ކަމަށް ގަތަރު ރެޑް ކްރެސެންޓުން ބުނެ އެވެ.