ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި ބޯޑު މެންބަރުން ސަސްޕެންޑްކުރީ އެޗްޑީސީއާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ޖާގަ ދިނުމުގެ ގޮތުންނެވެ.
އެޗްޑީސީގެ ބޯޑު މެންބަރުންނަށް ތިއްބަވަނީ އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފް ފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދެވެ.
އެއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ވަނީ ސަސްޕެންޑްކޮށްފައިވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަނީ މިދިޔަ އާދިއްތަ ދުވަހު މުހައްމަދު މައުރޫފް ޖަމީލު އައްޔަން ކުރައްވައިފިއެވެ.
މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދިފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އެޗްޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދީފައިވާ މައްސަލައެކެވެ. އުސޫލުން ބޭރުން ގޯތި ލިބުނު ކަމުގެ ތުހުމަތު ފަޒުލްގެ ބޭބެ، މާލޭ ވޯޓާސް އެންޑް ސުވަރޭޖްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ވެސް ހިމެނެއެވެ.
ޕީސީބީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ވަނީ ގެނެވިފައެވެ" ޕީސީބީން ބުންޏެވެ.
"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިމަހުގެ 18 ގައެވެ. ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ގޯތީގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާއި ގުޅިގެން ފަޒުލްއާއި ފަޒީލުގެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް އޭސީސީން އެދިގެން ވަނީ ހިފަހައްޓައިފައެވެ.
އަދި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ފަޒުލްގެ ދިރިއުޅޭ ގެ ކަމަށްވާ މ. ޒޭވަރު ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު