މިއަހަރު މަޝްހޫރު ގިނަ ތަރީންތަކެއް، އޭގެ ތެރޭގައި ދީޕިކާ ޕަދުކޯން-ރަންވީރު ސިންގު، އަނުޝްކާ ޝަރުމާ-ވިރާތު ކޯލީ، ވަރުން ދަވާން-ނަތާޝާ ދަލާލް، މަސާބާ ގުޕްތާ-ސަތްޔަދީޕް މިސްރާ އަދި މާގޮޓް ރޮބީ-ޓޮމް އެކަރލީ ހިމެނޭގޮތުން، ފަހުރުވެރި މައިންބަފައިންނަށް ވެފައިވެއެވެ. މީގެ އިތުރުން ރިޗާ ޗަދާ-އަލީ ފަޒަލް އަދި ޖަސްޓިން ބީބަރ-ހެއިލީ ބީބަރ ވެސް މިއަހަރު އެމީހުންގެ ދަރިންނަށް މަރުހަބާ ކިޔާފައިވެއެވެ.

ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ދަރިޔަކު ލިބުނެވެ. އެ ދެމީހުނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ އުފާވެރި ޚަބަރު އާންމުކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. "މަރުހަބާ ކުޑަކުޑަ އަންހެން ދަރިފުޅު! 8.9.2024" އެ ޕޯސްޓުގައި ވެއެވެ. ދިވާލީގެ މުނާސަބަތުގައި، އެ ދެމީހުން އިންސްޓަގްރާމްގައި ޝާއިއުކުރި ޕޯސްޓެއްގައި ވަނީ އެ ދަރިފުޅުގެ ނަމަކީ ދުއާ ޕަދުކޯން ސިންގު ކަމުގައެވެ. މި ދެ ތަރިން ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޯމޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދީޕިކާ ބަލިވެއިންކަން އާންމުކޮށް އިއުލާނުކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ މިއަހަރުގެ ފެބްރުއަރީ މަހު އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔެވެ. މި ދެމަފިރިން އެމީހުންގެ ފިރިހެން ދަރިފުޅަށް ކީ ނަމަކީ "އަކާއޭ" އެވެ. އެމީހުން ކުރި ޕޯސްޓުގައި ބުނެފައިވަނީ "ގިނަ އުފާތަކަކާއެކު އަދި ލޯބިން ފުރިފައިވާ ހިތަކާއެކު، އަހަރެމެން އެންމެނަށް އަންގަން ބޭނުންވަނީ 15 ފެބްރުއަރީގައި އަހަރެމެންގެ ފިރިހެން ދަރިފުޅު އަކާއޭ، ވާމިކާގެ ކުޑަ އަޚު، މި ދުނިޔެއަށް އައިސްފައިވާ ކަމެވެ! އަހަރެމެންގެ ދިރިއުޅުމުގެ މި ފުރިހަމަ ދަނޑިވަޅުގައި ތިޔަ އެންމެންގެ ހެޔޮ ދުއާއަށް އެދެމެވެ. މި ވަގުތު އަހަރެމެންގެ ޕްރައިވަސީއަށް އިހުތިރާމްކޮށްދިނުން އެދެމެވެ. ލޯބި އަދި ޝުކުރުވެރިކަމާއެކު، ވިރާތު އަދި އަނުޝްކާ."

މަޝްހޫރު ފިލްމީ ތަރި ވަރުން ދަވާން އާއި އޭނާގެ އަންހެނުން، ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލް، މިއަހަރުގެ ޖޫން މަހު އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔެވެ. އިންސްޓަގްރާމްގައި ވަރުން އޭނާގެ ފޮލޯވަރުންނާއި ފޭނުންނަށް އެމީހުންގެ ކުޑަ ދަރިފުޅާ ބެހޭ މައުލޫމާތު ހިއްސާކުރިއެވެ. އޭނާ ލިޔެފައިވަނީ، "މަންމައަށާއި ކުޑަ ދަރިފުޅަށް ތިޔަ ފޮނުވި ހުރިހާ ހެޔޮ އެދުންތަކަށް ޝުކުރިއްޔާ."

މަޝްހޫރު ފިލްމީ ތަރި މާގޮޓް ރޮބީ އާއި އޭނާގެ ފިރިމީހާ، ޕްރޮޑިއުސަރު އަދި އެކްޓަރު ޓޮމް އެކަރލީ އަށްވެސް ދަރިޔަކު ލިބުނީ މިއަހަރު އެވެ. ޑެއިލީ މެއިލްގެ ރިޕޯޓުގައިވާ ގޮތުން، މާގޮޓް އާއި ޓޮމްއަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ.

ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ އާއި އެކްޓަރު ސަތިޔަދީޕް މިސްރާއަށް ވެސް އޮކްޓޯބަރު މަހު އަންހެން ކުއްޖަކު ލިބުނެވެ. މި ދެމަފިރިން އެމީހުންގެ ކުޑަ އަންހެން ދަރިފުޅު ދުނިޔެއަށް އައި ހަބަރު އިއުލާނުކުރީ އިންސްޓަގްރާމްގައި، އެ ކުއްޖާގެ ފައިގެ ފޮޓޯއަކާ އެކުގައެވެ. ހުދު ފިނިފެންމަލަކާއި ހަނދެއްގެ ފޮޓޯއެއްވެސް ހިއްސާކުރަމުން، އޭގެ މަތީގައި އެމީހުންގެ އިއުލާން ލިޔެފައި ވެސް ވެއެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ، "އަހަރެމެންގެ ވަރަށް ހާއްސަ ކުޑަކުޑަ އަންހެން ދަރިފުޅު އައީ ވަރަށް ހާއްސަ ދުވަހެއްގައެވެ. 11.10.2024. މަސާބާ އަދި ސަތިޔަދީޕް."

މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ ރިޗާ ޗަދާ އާއި އަލީ ފަޒަލް މިއަހަރުގެ ޖުލައި މަހު އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާކިޔެވެ. މި ދެމަފިރިން އެކަން ހިއްސާކުރީ އިންސްޓަގްރާމުގައެވެ. އެ ޕޯސްޓުގައި ވަނީ، "އަހަރެމެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ކޮލެބަރޭޝަން އިއުލާނުކުރުމަށް ކޮލެބަރޭޝަން ޕޯސްޓެއް ލަނީ!! އަހަރެމެންނަށް ނިއުމަތް ލިބިއްޖެ. އަހަރެމެންގެ ކުޑަކުޑަ އަންހެން ދަރިފުޅުގެ ސަބަބުން ވަރަށް ބިޒީކޮށް މިއުޅެނީ. އެންމެންގެ ލޯތްބާއި ހެޔޮ ދުއާތަކަށް އެދެން، ޝުކުރިއްޔާއެވެ."

މަޝްހޫރު ފިލްމީ ތަރި ޔާމީ ގައުތަމް އާއި އޭނާގެ ފިރިމީހާ، ފިލްމު ޕްރޮޑިއުސަރު އަދިތިޔަ ދަރް އަށް މިއަހަރުގެ މެއި މަހު ފިރިހެން ކުއްޖަކު ލިބުނެވެ. އެމީހުން މި ހަބަރު ހިއްސާކުރީ އިންސްޓަގްރާމް ޕޯސްޓެއްގެ ޒަރީއާއިންނެވެ. އެ ކުއްޖާއަށް "ވޭދަވިދު" ކިޔާފައިވާ ކަމަށް ބުނެފައިވެއެވެ. އެ ޕޯސްޓުގައި ވަނީ، "އަހަރެމެންގެ ލޮބުވެތި ފިރިހެން ދަރިފުޅު ވޭދަވިދުގެ އައުން އިއުލާނުކުރުމުގެ އުފާ ލިބިއްޖެއެވެ. މި ދަރިފުޅު ލިބުނީ ބާއްޖަވެރި އަކްޝައި ތްރިތިޔާ ދުވަހުއެވެ. ހެޔޮ ދުއާތަކާއި ލޯބި ދިނުން އެދެމެވެ."

މަޝްހޫރު ފިލްމީ ތަރި ވިކްރަންތް މަސީ އާއި އޭނާގެ އަންހެނުން، ޝީތަލް ތާކުރު، މިއަހަރުގެ ފެބްރުއަރީ މަހު އެމީހުންގެ ފުރަތަމަ ދަރިފުޅު، ވަރުދާން، އަށް މަރުހަބާ ކިޔެވެ. މި ދެމަފިރިންވެސް އެމީހުންގެ ދަރިފުޅު ދުނިޔެއަށް އައި ހަބަރު އިއުލާނުކުރީ އިންސްޓަގްރާމްގައެވެ. އެ ޕޯސްޓުގައި ވަނީ، "07.02.2024. އަހަރެމެން އެއްވެއްޖައީމެވެ. އަހަރެމެންގެ ފިރިހެން ދަރިފުޅުގެ އައުން އިއުލާނުކުރުމުގެ އުފަލާއި ލޯބިން އަހަރެމެންގެ ހިތް ފުރިގެން ދަނީއެވެ. ލޯތްބާއެކު ޝީތަލް އަދި ވިކްރަންތް."

ޖަސްޓިން ބީބަރ އާއި ހެއިލީ ބީބަރ އެމީހުންގެ ފިރިހެން ދަރިފުޅު، ޖެކް ބްލޫސް ބީބަރ، ދުނިޔެއަށް އައި ހަބަރު އިއުލާނުކުރީ އޯގަސްޓް 23 ވަނަ ދުވަހު ހިތްގައިމު އިންސްޓަގްރާމް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ހެއިލީ، އެމީހުންގެ ކުޑަ ދަރިފުޅުގެ ކުޑަކުޑަ ފައި ހިފަހައްޓާފައިވާ، ގާތުން ނަގާފައިވާ ފޮޓޯއެކެވެ. ޖަސްޓިން އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ، "ގެއަށް މަރުހަބާ." އެވެ.

މަޝްހޫރު ފިލްމީ ތަރި ގަލް ގަޑޮޓް އާއި ޖަރޮން ވަރުސާނޯ މިއަހަރުގެ ކުރީކޮޅު އެމީހުންގެ ހަތަރުވަނަ ދަރިފުޅު، އޯރީ އަށް މަރުހަބާ ކިޔެވެ. މިއީ އަންހެން ކުއްޖެކެވެ. މާޗު މަހު، ގަލް އިންސްޓަގްރާމްގައި ހޮސްޕިޓަލުގެ އެނދުގައި އޮވެގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކުރިއެވެ. އޭނާ ލިޔެފައިވަނީ، "އަހަރެންގެ ލޯބި އަންހެން ދަރިފުޅު.... މަރުހަބާ. މާބަނޑު ދުވަސްވަރު ފަސޭހައެއް ނޫން، އެކަމަކު އަހަރެމެންނަށް އެކަން ކުރެވުނު. ނަމުގެ މާނައިގައިވާ ގޮތަށް، އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑު އަލިކަމެއް ގެނެސްދީފި. އޯރީގެ މާނައަކީ ހީބްރޫ ބަހުން 'އަހަރެންގެ އަލި' އެވެ. އަހަރެމެންގެ ހިތްތައް ވަނީ ޝުކުރުން ފުރިފައެވެ. އަންހެންކުދީންގެ ގެއަށް މަރުހަބާ.. ބައްޕަ ވެސް ވަރަށް ކޫލް" ގަލް ޖަރޮންއާ އިނދެގެން އުޅެނީ 2008 އިން ފެށިގެންނެވެ.