ފުވައްމުލަކު ސިޓީ ބޭރުން ޑިންގީއެއްގައި ތިބި ސޯމާލިއާގެ ތިން މީހަކު ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފްފެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބާ ޕެޓްރޯލުން އެ ސަަރަހައްދަށް ގޮސް ވަނީ ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ރާއްޖެއިން ބޭރުން ސޯމާލިއާގެ މީހުން ބޭނުންކުރާ "ސްކިޕް" އެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ބަނދަރަށް ވައްދައި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން 2008 ވަނަ އަހަރު ވެސް ޑިންގީއެއްގައި ތިބި ސޯމާލިއާގެ ބަޔަކު ވަނީ ފުވައްމުލަކަށް ލައްގައިފައެވެ. އެފަހަރު އެމްއެންޑީއެފުން ބުނެފައިވަނީ އެއީ ސޯމާލިއާގެ ޕައިރެޓުން ކަމަށާއި އެ ޑިންގީއަކީ އެ މީހުން ބޯޓު ފަހަރުތައް ހައިޖެކް ކުރުމަށް އުޅަނދު ކަމަށެވެ. އަދި އެއީ ޕައިރެޓުންނާއި ޕައިރެޓް އުޅަނދެއް ރާއްޖެއިން އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ވެސް ޑިންގީއެއްގައި ތިބި ސޯމާލިއާގެ ތިން މީހަކު ވަނީ ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ވަވަތިއިން ފެނިފައެވެ.