ފޯޅަވަހީގެ މައްސަލައިގައި ކުރިއާ ޚިލާފަށް ވަރަށް ދެކޮޅު ނުޖެހޭ ވާހަކަތައް އިނގިރޭސި ސަރުކާރުން މިހާރު ދައްކައެވެ. މި ހަފުތާގެ ތެރޭގައި އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާނު ދައްކަވާފައިވަނީވެސް މިޒާތުގެ ދެކޮޅުނުޖެހޭ ވާހަކައެކެވެ. މިވާހަކަ ދައްކަވާފައި މިވަނީ ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އައު ސިޓީއެއް އިނގިރޭސި ސަރުކާރަށް ފޮނުވައި ފޯޅަވަހީގެ މައްޗަށް ދިވެހީންގެ ހައްގުތަކެއްވާ ކަމާއި ފޯޅަވަހީގެ މިލްކުވެރިކަން ބަޔަކާ ހަވާލުކުރަންޏާ އެތަނުގެ މިލްކުވެރިކަން ލިބުން އެންމެ ހައްގު ބަޔަކީ ދިވެހިރާއްޖެކަމަށް ބަޔާންކޮށްފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ސިޓީއަކީ ހަގީގަތަކަށް ވަންޏާ މުޅި ފޯޅަވަހީގެ މައްސަލަ އައުގޮތަކަށް ފުރޮޅިގެން ދިއުމަށް ފުރުސަތު ހުޅުވުނީއެވެ. މިދަނޑިވަޅުގައި އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާނު ޑޭވިޑް ލެމީ ވިދާޅުވީ ކީކޭބާވައެވެ. އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސްވުމެއް ވަނީ ހެދިފައެވެ. މި އެއްބަސްވުމަކީ އިނގިރޭސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ އަދި އިނގިރޭސިންގެ މަސްލަހަތުވެސް ހިމާޔަތް ކުރެވޭ އެއްބަސްވުމެކެވެ.
އަދިވެސް ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ފޯޅަވައްސަށް ހިޖުރަކުރާ ހިޖުރަވެރިންނަށް ހިމާޔަތްދޭން ޖެހުމުގެ ތުރާތަކުން އިނގިރޭސިވިލާތް މިންޖުވީއެވެ. އެބުނަނީ ކޮން ރެފިއުޖީންނެއްގެ ވާހަކަތޯއެވެ. އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް އެދިގެން ދުނިޔޭގެ އެކިތަންތަނުން އަންނަ ހިޖުރަވެރިންގެ އެއް މަންޒިލަކީ ފޯޅަވަހި ބާވައެވެ. ފޯޅަވައްސާއި ގާތުގައިވާ ގައުމުތަކަކީ ދާޚިލީ ހަމަނުޖެހުންތަކާހެދި ގައުމުދޫކޮށް އިނގިރޭސިވިލާތަށް ހިޖުރަކުރުމަށް އެދޭ މީހުން ގިނަ ގައުމުތަކެއް ބާވައެވެ. ނޫނެކެވެ. އެކަހަލަ އެއްވެސް ކަމެއް ނެތެވެ. ފޯޅަވައްސާ އެންމެ ގާތުގައި އޮތީ ދިވެހިރާއްޖެއެވެ. ދިވެހީންނަކީ ރާއްޖެ ދޫކޮށް އެހެން ގައުމުތަކުގެ ސިޔާސީ ހިމާޔަތަށް އެދޭ ބައެއް ނޫނެވެ. އެދިފައިވާ ބައެއްވެސް ނޫނެވެ. ނުހަނު ގާތުގައި ފޯޅަވަހި އޮތެއްކަމަކު ފަހުގެ ތާރީޚުގައި އޮޅިގެންވެސް އެތަނަށްދާ ބައެއް ނޫނެވެ. ފޯޅަވައްސަކީ އިނގިރޭސިވިލާތަށް އެތެރެވުމުގެ ދޮރާށިކަމަށް ބަލައިގެން އެހެން ތަނަކުންވެސް ފޯޅަވައްސަށް މީހުން ދިއުމަކީ އޮންނަ ކަމެއް ނޫނެވެ.
އެހެންވީމާ މޮރިޝަސްއަށް ފޯޅަވަހީގެ މިލްކުވެރިކަން ދިނުމަކީ ހިޖުރަވެރިންގެ ތުރާތަކުން އިނގިރޭސިވިލާތް ސަލާމަތް ކުރުމަށް މުހިންމުކަމެކޭ އެބުނަނީ ވަކި އަސާސެއްގެ މައްޗަށް ބިނާކޮށްފައި ކަމަށް ބެލޭނެ ޖާގައެއް ނެތެވެ. ފަހުގެ ތާރީޚެއްގައި ހިޖުރަވެރީންގެ މައްސަލަައެއް ފޯޅަވައްސަށް ދިމާވެފައިވަންޏާ އެކަމަކީ މީގެ ގާތްގަޑަކަށް ތިން އަހަރު ކުރިން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިމާވެފައިވާ މައްސަލައެކެވެ. ސްރީލަންކާގެ ތަމަޅައިންގެ ތެރެއިން 61 މީހަކު ސްރީލަންކާ ދޫކޮށް ޒާތެއްގެ އުޅަނދެއްގައި އެފްރިކާއަށް ދަތުރު ކުރަނިކޮށް ކަނޑުމަތީގައި ހާލުގައި ޖެހުނީއެވެ. ފޯޅަވައްސާ ވަރަށް ދުރުން އެމީހުން އިނގިރޭސި މަނަވަރަކަށް ނަގައިގެން ފޯޅަވައްސަށް ގެންދިޔައީއެވެ. ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށްކަމުގައިވާ ޑިއޭގޯ ގާރސިޔާއަށެވެ. އިނގިރޭސިންނާއި އެމެރިކާ ގުޅިގެން މާވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގާ ރަށަކީވެސް ޑިއޭގޯ ގާރސިޔާއެވެ.
މިދެންނެވި ހިޖުރަވެރިން އަމިއްލަޔަށް ޑިއޭގޯ ގާރސިޔާއަށް ދިޔައީއެއް ނޫނެވެ. އެއީ އޮންނަ ތަނެއްކަންވެސް އެމީހުން ނުދަނެއެވެ. ޑިއޭގޯ ގާރސިޔާއަކީ ކޮންތަނެއް ކަމާއި ކޮންބައެއްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަން އެނގުނު ހިސާބުން މިދެންނެވި މީހުންގެ ބަސްމަގު ބަދަލުވެއްޖެއެވެ. މިއީ އިނގިރޭސިވިލާތަށް އެތެރެވާން ރަނުގެ ފުރުސަތެއްކަމަށް ގަބޫލުކޮށްފިއެވެ. އެމީހުން ބުންޏެވެ. އަހަރެމެންނަކީ އަނިޔާ ލިބިގެންވާ ބަޔަކީމެވެ. ވަޒަނާއި ގެދޮރު ދޫކޮށް މިނުކުތީ ރައްކާތެރިކަން ހޯދުމަށެވެ. އެހެންވީމާ އަހަރެމެން އެދެނީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތެވެ. އެހެން ބުނެފައި ރެފިއުޖީންނަށް ވެގެންފިއެވެ. އޭގެތެރޭގައި ސޯޅަ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެފްރިކާއަށް ދާންއުޅުނު ބަޔަކު ކަނޑުމަތިން ހޮވައިގެން ފޯޅަވައްސަށް ގެންދެވުނު ކަމަށްޓަކައި އެމީހުންނާ ހަވާލުވާން އިނގިރޭސިންނަށް ޖެހިއްޖެއެވެ. މިއީ ތަނެއްގައި ފޯޅަވައްސެއް އޮވެގެން ވީކަމެއް ނޫނެވެ. އިނގިރޭސިން އަމިއްލައަށް ކުރިކަމެއްގެ ނަތީޖާއެވެ.
އެކަމަކު މިހާރު އެކިޔަނީ އަދި އެހެން ލަވައެކެވެ. މިދެންނެވި ތަމަޅައިންގެ ގްރޫޕް ޑިއޭގޯ ގާރސިޔާގައިވާ ކޭމްޕެއްގައި ތިބޭތާ ތިން އަހަރުވީ ފަހުން މިހިނގާ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި އެމީހުންވަނީ އެންމެފަހުން އިނގިރޭސިވިލާތަށް ގެންގޮސްފައެވެ. އެމީހުން ތިބުމާއި ކެއުމާއި ބޭސްފަރުވާގެ ޚަރަދު މިވަގުތަކަށް އިނގިރޭސި ޚާރިޖިއްޔާއިން ކުރާ ގޮތަށެވެ. ވިސްނުންހުރީ ތަންކޮޅެއް ފަހުން ސެންޓް ހެލީނާއަށް ފޮނުވައިލާ ގޮތަކަށެވެ. އެއީވެސް އިނގިރޭސިންގެ ހުކޫމަތުގެ ދަށުގައިވާ ޖަޒީރާއެކެވެ. އެޓްލާންޓިކް ކަނޑުގެ މެދުގައި ވަރަށް އެކަހެރިކޮށް އޮންނަ ޖަޒީރާއެކެވެ. ކޮންމެއަކަސް މިކަންތައް އިނގިރޭސި ސަރުކާރުން މިހާރު މިހެދީ ފޯޅަވައްސަކީ އިނގިރޭސިވިލާތަށް ރެފިއުޖީންގެ މައްސަލަ ކުރިމަތިވާ ތަނެެއްކަން ދެއްކުމުގެ ހުއްޖަތަކަށެވެ. އެތަނުން އަވަހަށް ބޯދަމައިގަތުމަކީ ވަރަށް މުހިންމު ކަމެއްކަން އިނގިރޭސި ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި ހުއްޖަތެެއްގެ ގޮތުގައެވެ.
އެކަމަކު އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އަދި އެގައުމުގެ އިދިކޮޅު ޕާޓީތަކުން މިވާހަކަ ގަބޫލެއް ނުކުރެއެވެ. ފޯޅަވަހި ދޫކޮށްލުމަކީ އެމީހުން ރުހޭކަމެއް ނޫނެވެ. އެހެންވިޔަސް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އެހުންނެވީ މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލައްވާ ގޮތަށެވެ. އިނގިރޭސި ރައްޔިތުންގެ ވިސްނުމާއި ރައުޔާ ދެކޮޅަށެވެ. ވެރިކަންކުރާ ލޭބަރ ޕާޓީ އޮންނާނީ ބޮޑުވަޒީރު ހުންނަވާ ގޮތަކަށްތާއެވެ. އެކަމުގެ ފަހަތުގައި ސިއްރުތަކެއްވެސް ވާނެއެވެ. އެ ސިއްރަކީ ގައިމުވެސް ރެފިއުޖީންނެއް ނޫނެވެ. ސްޓާމަރ ހެއްދެވި އެއްބަސްވުމަށް ގިނަ ދުވަސްތަކެއްނުވެ މޮރިޝަސްގެ ސަރުކާރު ވަނީ ބަދަލުވެފައެވެ. އައު ސަރުކާރުން ވަނީ އެއްބަސްވުން އިސްލާހު ކުރުމަށް އެދިފައެވެ. އެކަމަކީ ސްޓާމަރ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. އަނެއްކޮޅުން އެމެރިކާގެ ރިޔާސަތާ ކުރިއަށްއޮތް ޖެނުއަރީ މަހުގެ ވިހިވަނަ ދުވަހު ހަވާލުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޓީމުވެސް މި އެއްބަސްވުން ތަންފީޒުކުރަން ނުރުހެއެވެ. ދެން ތިލަވެގެން މިދިޔައީ ދިވެހި ސަރުކާރުން އިނގިރޭސި ބޮޑުވަޒީރަށް ފޮނުވިކަމަށް މީޑިއާއިން ރިޕޯޓްކުރާ ސިޓީގެ މައްސަލައެވެ. މިސިޓީގެ ސަބަބުން މައްސަލަ އައުގޮތަކަށް ފުރޮޅިގެން ދިއުމުގެ ފުރުސަތު ހުޅުވުނީއެވެ. ދެންވާގޮތެއް ބަލަން ތިބެމާބަހީއެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު