ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަަރަކަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު މައުރޫފް ޖަމީލަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި އެއީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައަކާއި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންނަށް ބިޑަކާ ނުލައި އަގުހެޔޮކޮށް ހުޅުމާލެ އިން ގޯތިތަކެއް ވިއްކާފައިވާ ކަމަށް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އެ މައްސަލައިގައި ފަޒުލް ސަސްޕެންޑް ކޮށްފައި ހުންނެވި އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓައިފައެވެ.

ރައީސް އޮފީސް ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެޗްޑީސީއަށް އަޅުގަނޑު މިއަދު މި އައްޔަންކުރި، ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލު. އެ ބޭފުޅާއަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ، ފުލް އިންޓެގްރިޓީ ހިފަހައްޓާނެ ބޭފުޅެއް. ފުލް ކޮމިޓްމެންޓާއި ޕްރޮފެޝަނަލިޒަމް އާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ތަންތަނަށް އައްޔަން ކުރައްވަން ބޭނުންފުޅު ވަނީ މައުރޫފު ކަހަލަ ތެދުވެރި ބޭފުޅުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެޗްޑީސީގެ ރަނގަޅުވެ މިހާރު ހިނގައިގެން އުޅޭ ފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެޗްޑީސީގައިވެސް ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ޔަގީން ކުރަނީ، މިއަދު އެ ތަނުން ބައެއް ބޭފުޅުން ވަކިކޮށްފައިވެސް ވޭ، އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަންވާކަށް. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ޖާގަ އޮންނާކަށްވެސް،" ރައީސް ވިދާޅުވިއެވެ.