ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ހިޔާނަތް ހިންގަމުންދާ ކަމަށް ބުނެ، އެ ކުންފުނީގެ ކުރީގެ ޗެއާޕާސާން އަހުމަދު ޒުހޫރުގެ ސިޓީއެއް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންފައިވާނަމަ، އެ މައްސަލައެއް ޔަގީނުން ވެސް ބައްލަވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ތިވާހަކަ އަޑުއެހުން، އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތިވިދާޅުވާ ސިޓީއެއް އައިސްފައި ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނުނަމަ އަޅުގަނޑު ޔަގީނުން ވެސް އެއަށް އަމަލުކުރާނަން ނޫނީ ބަލާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ބޭނުންފުޅު ވަނީ މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިންގާ ކަންކަމުން ދުރުވެފައިވާ ސަރުކާރަކަށް ހެދުން ކަމަށެވެ. އެ މަނިކުފާނު ވައުދުވެވަޑައިގެންނެވީ ވެސް އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ސިޓީއެއް އަޅުގަނޑަށް ލިބި އަމަލުނުކޮށް އޮތްވާހަކަ އެ ދައްކަވާ ވާހަކައަކީ ހަގީގީ ވާހަކައެއް ނޫން،" ރައީސް ވިދާޅުވިއެވެ.
އެޗްޑީސީ ތެރޭގައި ހިނގައިގެން އުޅޭ ކަންކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެކަން ބެލުމަށް ފުލުހަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައިގައި ފުލުހުން ގެންދަނީ ގާނޫނީގޮތުން އެ މުއައްސަސާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެއްވެސް ތަނެއްގައި ގަވާއިދާ ހިލާފު ކަންތައްތަކެއް މީހަކު ހިންގާކަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީކީ ވައްކަންކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާހިލާފު ކަމެއް ކުރާކަށް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެކި ތަންތަނަށް އެ މަނިކުފާނު މީހުން އައްޔަންކުރައްވަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށް ހުރަސް އެޅޭގޮތަށް ނުވަތަ އެނޫން ގޮތަކަށް މަސައްކަތް ކުރާ މީހުން މަސްއޫލިއްޔަތުން ދުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތްތާގައި ވެސް އެކަހަލަ ކަމެއް ހިނގާ ކަމަށްވަންޏާ އަޅުގަނޑު ކަންތައް ކުރާނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވަނީ އެ ސަރުކާރަކުން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު