އިންޑިއާގެ މަޖިލިސް ރައީސް ޝްރީ އޯމް ބާލާގެ ދައުވަތަކަށް، މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިޔާގެ ހާރިޖީވުޒާރާގެ ސްޓޭޓް މިނިސްޓަރު ޕްބިޓްރާ މާގެރިޓާ ލިޔުމުން އިންޑިޔާގެ ގާނޫނު ހަދަ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އަބްދުއްރަހީމް އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވެ ސިޓީ ފޮނުވާފައިވަނީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ކުރާ މުއާމަލާތްތަކާ ގުޅޭ ގޮތުން ލޮކް ސަބާއިން ކުރި ސުވާލަށް ދެއްވި ޖަވާބެއްގައެވެ.

ޕަބިތުރާ ވިދާޅުވީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާއިން ފާއިތުވި އަހަރުތަކުގައި އަވަށްޓެރި ގައުމުތަކަށް މަޖިލިސް މެންބަރުން ފޮނުވުމާއި އެ ގައުމަށް ވެސް ގެނެސް ގުޅުން ބަދަހި ކޮށްފައި ކަމަށެވެ.

އެ ސިޓީގައި ޕަބިތުރާ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ މަޖިލިސް ރައީސްގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް އަދި ޖެނީވާއަށް އަބްދުއްރަހީމްވަނީ ދަތުރުކުރައްވައިފައެވެ.

މި ދަތުރުފުޅާ ގުޅޭ އެއްވެސް ތަފުސީލެއް ރަައްޔިތުންގެ މަޖިލީހުން އަދި ހާމައެއް ނުކުރެއެވެ.