މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، ރެއިން ފެށިގެން ހުއްޓުމެއް ނެތި މާލެއަށް ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުން ކަމަށާއި އިއްޔެގެ 8:00 އިން މިއަދުގެ 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށެވެ. އެއީ 136.5 މިލިމީޓަރުގެ ވާރެއެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. އެއީ 117.4 މިލިމީޓަރުގެ ވާރޭއެވެ. އަތޮޅުތެރޭގެ ރަށްތަކުން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 111.5 މިލިމީޓަރުގެ ވާރޭއެވެ.

ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މާފަންނުގެ ގިނަ ގެތަކަށް ވަނީ ފެންވަދެފައެވެ. އަދި ފެންބޮޑުވެ ގޭބިސީތަކަށް ފެންވަންނަމުންދާތީ، އެމްއެންޑީއެފުން ދަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން އަންނަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނީ ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާތީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.