ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން 2024، 6،000 ބައިވެރިންނާއެކު މިއަދު ބާއްވައިފިއެވެ.

އުރީދޫ ފަން ރަންއަކީ ފަސް ކިލޯ މީޓަރުގެ ދުވުމެކެވެ. މި އަހަރުގެ ފަން ރަން ފަށާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. މިއަދު ހަވީރު 4:30 ގައި އެ ދުވުން ފެށިއިރު ބޯކޮށް ވާރޭ ވެހުނެވެ. ނަމަވެސް އެ އެ ދުވުން ވަނީ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސްފައެވެ.

އުރީދޫ ފަން ރަންގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީއާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަރުކާރު ބައެއް މިނިސްޓަރުން ވެސް އެ ދުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަރަކާތުގައި ކޮންމެ ކިލޯމީޓަރެއްގައި ދުވުންތެރިންނަށް މަރުހަބާ ކިޔަން ފަން ސްޓޭޝަންތައް ބަހައްޓާފައި ހުއްޓެވެ. ކޮންމެ ކިލޯ މީޓަރެއްގައި ކުލަ ޖެހުމާއި އޮބްސްޓެކަލަސްތައް ހުރަސްކުރުން އޮތެވެ. މި ރަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ފޯމް ޕާޓީއެއް ވެސް އޮތެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާއި ފަން ރަންގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ގިނަ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ.

ފަން ރަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯޕްލޭ އެޕް ޑައުންލޯޑުކޮށް، ސައިންއަޕްކުރާ ކަސްޓަމަރުންގެ މެދުގައި ގުުރު ނަގައި ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބޭ ދެ ނަސީބުވެރިންވެސް މިއަދުގެ ދުވުމަށްފަހު ވަނީ ހޮވައިފައެވެ. އަދި އެ ދުވުމުގައި ރަޖިސްޓްރީވި ފަރާތްތަކުގެ ތެރެއިން ނެގި ގުރުއަތުލުމުން ފުޓްރެސްޓުގެ ފަރާތުން ދޭ ޕެކޭޖު ލިބޭ ދެ ނަސީބުވެރިންވެސް ހޮވިއެވެ.

އުރީދޫން ފަން ރަން ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެއް ކަން ދައްކުވައިދިނުމެވެ.