ބަންގުލަދޭޝްގެ އާއިލާއަކަށް ނިސްބަތްވާ، ލެސްޓާ ސިޓީގެ ހަމްޒާ ޗޯދުރީ، ގައުމީ ޓީމުގެ ގޮތުގައި ބަންގުލަދޭޝް އިހުތިޔާރުކުކޮށް، އެކަން އެގައުމުގެ ފުޓުބޯޅަ އިދާރާއިން އިއުލާނު ކޮށްފިއެވެ.
އޭގެ އިތުރުންވެސް އުމުރުން 27 އަހަރުގެ ހަމްޒާ ވަނީ އިންސްޓާގްރާމްގައިވެސް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. ހަމްޒާ ވެގެންދާނީ ދެކުނު އޭޝިއާ ގައުމެއްގެ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ޕްރިމިއާ ލީގުގެ ތަޖުރިބާހުރި ކުޅުންތެރިޔާއަށެވެ. އޭނާ މިވަގުތު ކުޅެމުންދަނީ ވޮޓްފޯޑާއެކު އިނގިރޭސި ދެވަނަ ޑިވިޝަނަށެވެ.
ހަމްޒާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އިންގްލެންޑާއި ބަންގަލަދޭޝްއަކީ އޭނާގެ "ހޯމް" ކަމަށާއި އާއިލާ ނިސްބަތްވާ ގައުމު ތަމްސީލުކުރަން ލިބުނު ފުރުސަތަކީ ހާއްސަ ފުރުސަތެއް ކަމަށެވެ. އަދި ބަންގްލަދޭޝްއަކީ އޭނާ އަބަދުވެސް ލޯބިކުރާ ގައުމެއް ކަމަށާއި، އަބަދުވެސް ޒުވާން އުމުރުން ފެށިގެން އެގައުމަށް ދަތުރުކުރެވިފައިވުމުން އެގައުމަށް ލޯބި ޖެހިފައިވާ ކަމަށްވެސް ހަމްޒާ ބުންޏެވެ.
ހަމްޒާގެ އާއިލާއަކީ ބަންގްލަދޭޝްގެ ހަބީގާންއަށް ނިސްބަތްވާ އާއިލާއެކެވެ. އެއީ ބަންގްލަދޭޝްގެ ސިލެޓް ސަރަހައްދުގެ އަވަށެކެވެ. ހަމްޒާގެ އެ އަވަށަކީ ކުޑަކުޑަ އަވަށެކެވެ.
ޕްރިމިއާ ލީގުގައިވެސް ފާހަގަކޮށްލެވުނު ހަމްޒާ ވަނީ 21 އަހަރުން ދަށުގައި އިންގްލެންޑްވެސް ތަމްސީލުކޮށްފައެވެ. ހަމްޒާ 2015 ވަނަ އަހަރުން ފެށިގެން ލެސްޓާ ސިޓީއަށް ކުޅެމުންދާ އިރު، އޭނާ އެންމެފަހުން ކުޅުނީ ވޮޓްފޯޑުގެ ލޯނަކަށެވެ.
ބަންގުލަދޭޝްއިން އެގައުމުގެ ފުޓުބޯޅަ ކުރިއަރުވަން، އަދި ގައުމީ ޓީމު ވަރުގަދަ ކުރަންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އޭގެ ތެރެއިން އެއް މަސައްކަތަކީ އޯވާސީސްގައި ތިބި ބަންގުލަދޭޝްގެ ދަރިކޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް ގެންނަން މިހާރުވެސް ނިންމާފައިވާ އިރު، ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ޖަމާލް ބުޔާންއަކީވެސް ކެނެޑާގައި އުޅެ ބޮޑުވި ކުޅުންތެރިއެކެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް