މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމާއި މާލޭގެ ރަށްވެހިންނަށް ފްލެޓު ދިނުމަށް ހިންގި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގެއް ފަށައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް ވަނީ އެފަދަ ތަހުގީގެއް އެ ކޮމިޝަނުން ފަށާފައިވާ ކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ.
ފުލުހުން މިއަދު ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ.
އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު މިއަދު ވަނީ އަމުރުކުރައްވައިފައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ފަޒީލް ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޒީލް މިއަދު އޮފީހަކަށް ނުނިކުންނަވައެވެ.
ފަޒީލް ސަސްޕެންޑް ކުރި އިރު، މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލައިގައި އެމްޑީ ފަޒުލް ވަނީ ރޭގެ ވަގުތެއްގައި ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ހޫނުކޮށް ދިޔަ އެ ބައްދަލުވުމުގައި، ފަޒުލް ވަނީ އޭނާގެ މައްޗަށްކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު