ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި މައްސަލައިގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލްގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ސަސްޕެންޑް ކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންޑް ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދު ވަނީ "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

"ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ތަހުޤީޤަށް ޖާގަދީ ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން މިކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު މިހާރުވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފައެވެ." މިކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މަތީން "ވަން" އަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޒީލް މިއަދު އޮފީހަކަށް ނުނިކުންނަވައެވެ.

"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ.

ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

ފަޒީލް ސަސްޕެންޑް ކޮށްފައިވާ އިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑް ކޮށްފައެވެ.

އެޗްޑީސީގެ ބޯޑު މެންބަރުންނަށް ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފް ފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދެވެ.