ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގަވައިފި އެވެ.

އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއްޔެ ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ވަނީ އަންގަވައިފަ އެވެ. އޭގެ ތެރޭގައި ބިންވެރިޔާ ސްކީމާއި ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުން ހިމެނެއެވެ.

މެމޯގައިވަނީ އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށާއި ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ވެސް ނުކުރަން އަންގަވައިފެވެ.

މީގެ އިތުރުން އެ ކުންފުނިން އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުންވެސް މަޑުޖައްސައިލަން ވަނީ އަންގަވައިފައެވެ.

އެޗްޑީސީން އެ ފިޔަވަޅުތައް އެޅީ، "ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިންކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައިވަނިކޮށެވެ. އެ މައްސަލައިގައި އެޗްޑީސީންް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށްބުނާ ސިޓީއެއްގައި ވަނީ، އެއް ޕްލޮޓަކުން ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށްބުނާ ސިޓީއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ރޭ ފުލުހުން ވަނީ އެޗްޑީސީ ބަލައިފާސްކޮށްފައެވެ.

މި މައްސަލައިގައި އެމްޑީ ފަޒުލް ވަނީ ރޭގެ ވަގުތެއްގައި ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ހޫނުކޮށް ދިޔަ އެ ބައްދަލުވުމުގައި، ފަޒުލް ވަނީ އޭނާގެ މައްޗަށްކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ބޯޑު މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑު މެންބަރުން ސަސްޕެންޑްކުރީ ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ.

އެކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވައި ކަމަށް ހީނާ ވިދާޅުވިއެވެ.