ގަތަރުގައި ކުރިއަށްދިޔަ ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި ރެއާލް މެޑްރިޑުން މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފިއެވެ.

ފީފާ އިންޓަކޮންޓިނެންޓަލް ކަޕަކީ އާ ކްލަބު ވޯލްޑް ކަޕް ފޯމެޓާއެކު ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ މުބާރާތެއްގެ ގޮތުގައި ފީފާއިން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން އަހަރަކު އެއްފަހަރު ކްލަބު ވޯލްޑް ކަޕް އޮތް ނަމަވެސް، ދެން އެ މުބާރާތް ބާއްވާނީ ހަތަރު އަހަރުން އެއް އަހަރުއެވެ. ކޮންމެ އަހަރަކު ބާއްވާ ގޮތަށް ފީފާއިން މިހާރު ނިންމާފައި ވަނީ އިންޓަ ކޮންޓިނެންޓަލް ކަޕެވެ.

އެ މުބާރާތުގައި ޖުމުލަ ހަ ޗެމްޕިއަނުން ވާދަކޮށްފައިވާ އިރު، ޔޫރަޕްގެ ޗެމްޕިއަނުން ވާދަކުރަނީ ފައިނަލުގައެވެ. އަނެއްކޮޅުން ފައިނަލަށް ދާ ޓީމު ކަނޑައަޅަނީ އެފްރިކަން-އޭޝިއަން ކަޕް ޕްލޭ އޮފެއްގެ އިތުރުން އެމެރިކާގެ ޑާބީއަކާއި ޗެލެންޖާ ކަޕެއް އެ ސްޓޭޖުތަކުގައި ކުޅެގެންނެވެ. ގާތްގަނޑަކަށް ސެމީ މެޗުތަކެއް ގޮތަށް ކުޅޭ ނޮކްއައުޓް މެޗުތަކެކެވެ.

ރެއާލުން ގަތަރުގެ ލުސައިން ސްޓޭޑިއަމްގައި ރޭ ޕަޗޫކާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ލުސައިލް ސްޓޭޑިއަމަކީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ރެއާލްގެ ތަރި، ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ހެޓްރިކް ހެދި ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި ރެއާލަށް ރޭ ލީޑު ނަގައިދިނީވެސް އޭނާއެވެ. އެއީ ކީޕަރު ނައްޓުވާލައި ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުންނެވެ.

ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، ރެއާލުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ރޮޑްރީގޯއެވެ. ރެއާލުން ރޭގެ މެޗު ޔަގީންކުރީ ވިނީޝިއަސްގެ ގޯލަކާވެސް އެކުގައެވެ. އެޓީމު ކޮޅަށް މާބޮޑު ނުރައްކަލެއް ވެފައި ނުވާ އިރު، ޕަޗޫކާގެ ކެޕްޓަން ސަލޮމޮން ރޮންޑޮން ޖެހި ބޯޅަ މަތަކުރީ ރެއާލްގެ ކޯޕަރު ތީބޯ ކޯޓުއާއެވެ.