ޖޯޖިއާގެ ރިސޯޓެއްގައި 12 މީހުން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ޖޯޖިއާގެ ފުލުހުން ބުނީ އެގައުމުގައި ސްކީ ކުރުމަށް މަގުބޫލު އެންމެ ބޮޑު ރިސޯޓުގައި ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ 11 މީހުންނާއި ޖޯޖިއާގެ އެކަކު ކަމަށެވެ.

ފުލުހުން ބުނީ އެރިސޯޓުން މަރުވެފައި އޮއްވައި ފެނުނު 12 މީހުންނަކީ އެތަނުގައި ހުންނަ އިންޑިއާ ރެސްޓޯރެއްޓެއްގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ޖޯޖިއާގެ ޓިބިލިސްގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ވަނީ އެ ހާދިސާގައި ހިމެނޭ 11 އިންޑިއާ މީހުންގެ އާއިލާއަށް ބޭނުންވާ ހުރިހާ މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ ހަށިގަނޑުތައް އިންޑިއާއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބަސީ އިން ބުނެފައިވެއެވެ.

ޖޯޖިއާގެ ފުލުހުން މިހާތަނަށް ކުރި ތަހުގީގުން ވަނީ މަރުވި މީހުންގެ ހަށިގަނޑުން އެއްވެސް އަނިޔާއެއްގެ އަސަރު ނުފެންނަ ކަމަށާއި އެއީ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ޖޯޖިއާގެ ފުލުހުން ބުނީ މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި އެ މީހުން މަރުވެފައިވަނީ ކާބަން މޮނޮކްސައިޑަށް ޕޮއިޒަން ވެގެން ކަމަށެވެ. މަރުވި މީހުންގެ ހަށިގަނޑުން އެއްވެސް އަނިޔާއެއްގެ އަސަރު ފެންނަން ނެތް ކަމަށާއި އެއީ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.