ފްރާންސަށް އުފަން ސައީދު އާއި އޭނާގެ އާއިލާ ރާއްޖެ އައީ، މީގެ 12 ވަރަކަށް އަހަރު ކުރީންނެވެ. އެއީ ސައީދު އިސްލާމްދީން ގަބޫލުކުރުމުން ފްރާންސްގައި އޭނާގެ އާއިލާއިން ކުރިމަތި ކުރުވި ފިއްތުންތަކަށް ކެތް ނުވެގެންނެވެ. އެ މީހުން ރާއްޖެ އައީ ދޮށްޓަށް ހުރި ފިރިހެން ކުއްޖާ އަބްދުﷲ އާއި އޭނާއާ ޖެހިގެން ހަގަށް ހުރި ދެ އަންހެން ކުދީން ކަމުގައިވާ މައިމޫނާ އާއި ހަލީމާވެސް ގޮވައިގެންނެވެ. ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އެ މީހުން ފުރަތަމަ އުޅުނީ ގދ. ތިނަދޫގައެވެ. އެއަށް ފަހު ލ. އަތޮޅުގައި އުޅުމަށް ފަހު ބަދަލުވީ ތ. ތިމަރަފުއްޓަށެވެ. އެ ރަށުގައި ސައީދުގެ އާއިލާއިން ދެ އަހަރެއްހާ ދުވަހު އުޅުނެވެ. ތިމަރަފުށިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ސައީދު އެ ރަށުގައި ކުރީ މަސްކެއްކުމުގެ މަސައްކަތެވެ. އެ ރަށުގައި އުޅުމަށް ފަހު، ސައީދުގެ އާއިލާއިން ދިރިއުޅުން ބަދަލުކުރީ އެ ރަށާ ކައިރީގައި އޮތް ތ. އަތޮޅުގެ ވެރިކަންކުރާ ރަށް ވޭމަންޑޫއަށެވެ. އެއީ މީގެ ހައެއްކަ އަހަރު ކުރީންނެވެ.
ސައީދުގެ އާއިލާގެ މައުލޫމާތު އެނގޭ މީހަކު "ވަން" އަށް މިއަދު ކިޔައިދިން ގޮތުގައި، އެ އާއިލާއިން ވޭމަންޑޫގައި ވަޒަންވެރިވީ، ރޯދަމަހެއްގެ ތެރޭގައެވެ. އެ ރަށުގެ ގެއެއް ކުއްޔަށް ނަގައިގެން ސައީދު، އޭނާގެ އާއިލާ ގޮވައިގެން ނުވެސް ދަންނަ ބައެއްގެ ތެރެއަށް ބަދަލުވީ ފޮނި އުންމީދުތަކާއެކު، ރަށުގެ މީހުންނާ ގުޅިގެން ދިރިއުޅުމަށެވެ. ސައީދުގެ އާއިލާއަށް ފުރަތަމަ ދުވަސްކޮޅު ވޭމަންޑޫގެ އެކިއެކި މީހުންގެ ދީލަތި އެހީތައް ލިބުނެވެ. އެންމެންވެސް ހިތްހެޔޮކަމާއެކު އެ މީހުންނާ ވާހަކަ ދައްކައި އުޅުނެވެ. ވޭމަންޑޫ ރައްޔިތުންގެ އެއްބާރުލުމާއެކު އާ މާހައުލަހަށް ފަރިތަވުމަށް ސައީދުގެ އާއިލާއިން މާގިނަ ދުވަހެއް ނުނެގިއެވެ. ސައީދަކީ ހަށިގަނޑުގައި ވަރުހުރި މީހެއް ކަމުން އާއިލާގެ ޒިންމާތައް އުފުލުމަށް ވޭމަންޑޫގައި އޭނާ ކުރަން ފެށި މަސައްކަތަކީ ފަރުމަހަށް ދިއުމެވެ. ވޭމަންޑޫގައި ފަރުމަސްވެރިކަން ކުރާ ދޯންޏަކުން ލިބުނު އެ ފުރުސަތާއެކު މިއަދާ ހަމައަށްވެސް އޭނާ ކުރަމުން އަަންނަ މަސައްކަތަކީ އެއީއެވެ.
"ސައީދަކީ ވަރަށް ރަނގަޅު މީހެއް. އެންމެނާ ގުޅިގެން އުޅޭނީ. ރަށުގެ ކަންކަމުގައިވެސް އުޅޭނެ. އެއީ މަސްވެރިކަމަށް ވެސް ވަރަށް ފަރިތަ މީހެއް. އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން އެފަދަ ކަމެއްވެސް ނޫޅޭނެ. ފިހާރައަކަށް ދެރުންކަހަލަ ކަމެއްވެސް ނޫޅޭނެ. ބުރަ މަސައްކަތުން ހޯދާ ފައިސާއިން ދިރިއުޅެމުން އެދަނީ." ވޭމަންޑޫ މީހަކު "ވަން އަށް ކިޔައިދިނެވެ.
ސައީދު، އޭނާގެ އާއިލާ ގޮވައިގެން ވޭމަންޑޫއަށް ބަދަލުވި ފަހުން އިތުރު ދެ ކުދިން ވަނީ ލިބިފައެވެ. އެއީ ފިރިހެން ދެ ކުދީންނެވެ. އެ ކުދިން އުފަންވީވެސް ވޭމަންޑޫއަށެވެ. އެ ކުދީންނަކީ ރަށުގެ އެހެން ކުދީންގެ މިތުރުންނެވެ. ފަރިތަކަމާއެކު، ދިވެހީން ވާހަކަ ދައްކަން އެނގެއެވެ. ރަށުގެ އެހެން ކުދީންނާއެކު ކުޅެ ހަދައެވެ. ހިތްހެޔޮކަމާއެކު ބޮޑެތި މީހުންނާ މުހާތަބު ކުރެއެވެ. އެހެން މީހަކަށް އުނދަގުލެއް، ތުރާލެއް ނުކުރެއެވެ. ވިސާ ނެތުމުން، ސްކޫލަށް ވަނުމުގެ ފުރުސަތު ނެތަސް އެ ކުދިންނަކީ ތޫނުފިލި ކުދިންނެވެ. ސައީދު، އޭނާއަށް ލިބިފައިވާ އިލްމެއް އެ ކުދިންނަށް ކިޔައިދެއެވެ. ވީވަރަކުން، އެ ކުދިންނަށް ކަންކަން ދަސްކޮށްދީ އުނގަންނައިދެއެވެ. އެންމެ ހާއްސަ އިސްކަމެއްދީގެން އެ ކުދިން ލައްވައި ކުރުވާ އެއް ކަމަކީ ދީނީ ކަންކަމަށް ލޯބި ޖެއްސުމެވެ.
"ސައީދުވެސް އޭނާގެ ކުދިންވެސް ބަރާބަރަށް މިސްކިތަށް އަރާނެ. ނަމާދަށް ވަރަށް ފަރުވާތެރިވާނެ. ނަމާދުން ނިމިގެން މިސްކިތުގައި ޤުރުއާން ކިޔަވަންވެސް ތިބޭނެ." މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ވޭމަންޑޫ އިތުރު މީހަކު ބުނި ގޮތުގައި ސައީދުގެ 16 އަހަރުގެ ފިރިހެން ދަރިފުޅު ވެސް މިހާރު ދަނީ ސައީދާ އެއް ދޯންޏަކުން މަހަށެވެ. އެ ދެބަފައިންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށްވެސް އޭނާ ބުންޏެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި ސައީދުގެ އާއިލާ ގަވައިދުގެ ތެރެއަށް ވެއްދުމަށް ކައުންސިލުން، ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން މިހާތަނަށް އެތައް މަސައްކަތެއް ކޮށްފައިވީ ނަމަވެސް އެއިން އެއްވެސް ކަމެއް ކާމިޔާބުވާ ގޮތެއް އަދި ނުވެއެވެ. އެގޮތުން ފުލުހުންނާއި އެމްއެންޑީއެފް އަދި ހޯމް މިނިސްޓްރީއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލުން އެ މައްސަލަ ނަގައިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އެ ދެމަފިރިންގެ އަތުގައި އޮތީ މުއްދަތު ހަމަވެފައި އޮތް ޕާސްޕޯޓެއް. އެއްވެސް ކުއްޖެއްގެ އަތުގައި އެއްވެސް ޑޮކިއުމަންޓެއް ނެތް. ދެން ރާއްޖޭގައި އެހާ ދުވަހު އުޅުނީމަ ޖޫރިމަނާ ފީގެ ގޮތުގައިވެސް ބޮޑު އަދަދެއް ދައްކަން އޮތުމުން އެއީވެސް ކުރިމަތިވި ގޮންޖެހުމެއް." ރަޝްވާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސައީދުގެ ދެމެފަރިންނަށް ލިބުނު އެންމެ ހަގު ފިރިހެން ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓް ރަށު ކައުންސިލުން ހައްދައިދީފައިވާ ކަމަށާއި އެއިރު އެކަން ކުރީ މެނުއަލްކޮށް ކަމަށެވެ. އަދި އެ ކުއްޖާ އުފަންވީވެސް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝްވާން ވިދާޅުވި ގޮތުގައި ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަސާސީ ދެ ހައްގުން ތުއްތު ކުދީންތަކެއް މަހްރޫމްވުމެވެ.
"އެންމެ އަސާސީ ދެ ހައްގު އެއީ ތައުލީމާއި ސިއްހަތު، އެ ދެ ކަމުންވެސް އެ ކުދިން އެތިބީ މަހްރޫމްވެފައި. ސްކޫލަށް ވެއްދޭކަށް ނޯވޭ. އަމިއްލައަށް ފައިސާ ދައްކައިގެން ނޫނީ ފަރުވާއެއް ކުރެވޭނެ ގޮތެއްވެސް ނެތް." ރަޝްވާން ވިދާޅުވިއެވެ.
ރަޝްވާން ވިދާޅުވި ގޮތުގައި، ސައީދުގެ އާއިލާއިން މީގެ ކުރިން ސްކޫލަށް އޭނާގެ ދަރިން ވެއްދުމަށް މަސައްކަތެއްކޮށްފައެއްވެސް ނުވެއެވެ. އެކަމުގެ ސަބަބަކީ ޑޮކިއުމަންޓްތައް ނެތުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސްކޫލަށް ވައްދާކަށް އެ މީހުން މަސައްކަތް ކުރިކަމެއް އެނގިފައެއް ނެތް. މިހާރު އަނެއްކާވެސް ކުރަނގި ޕޯޓަލް މެދުވެރިކޮށް އަޅުގަނޑުމެން މި ދަނީ އެ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން. އަދި މިހާތަނަށް މައުލޫމާތު ނެގިފައިވަނީވެސް ސައީދުގެ އެކަނި. އެހެން މީހުންގެ އަދި ނުލިބޭ." ރަޝްވާން ވިދާޅުވިއެވެ.
ވޭމަންޑޫން "ވަން" އަށް ވާހަކަ ދެއްކި ހުރިހާ އެންމެންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ސައީދުގެ އާއިލާއަކީ ފްރާންސަށް އުފަން ނަމަވެސް މިހާރު އެއީ ދިވެހީން ކަމަށެވެ. ދިވެހި ފަސްގަނޑަށް ލޯބި ޖެހިފައިވާ ދިވެހިން ވާހަކަ ދައްކާ މީހުން ކަމެވެ. އެ މީހުން ވޭމަންޑޫގައި އުމުރު ދުވަހު އުޅުނަސް ވޭމަންޑޫ މީހުންގެ މައްސަލައެއް ނެތެވެ. އެއީ ސައީދުގެ އާއިލާއިންވެސް ދެކޭ އެންމެ ބޮޑު ހުވަފެވެ.
"ސައީދުއާ ވަރަށް ގިނައިން ދިމާވޭ. ބުނޭ ތިމަންނަ ބޭނުންވަނީ މުސްލިމު ގައުމެއްގައި އަނބިދަރީން ގޮވައިގެން ދިރިއުޅި ނިމިދާށޭ. އެނބުރި ފްރާންސަށް ދާން ބޭނުން ނުވާ ވާހަކަ ބުނޭ. އަހަރެމެންވެސް އެ ގޮތް ބޭނުމެއް ނުވޭ. ހަގީގަތުގަ، މި ރަށު އެކަކުވެސް އެ މީހުން ފޮނުވާލާކަށް ބޭނުމެއް ނުވާނެ. ވަރަށް ހިތްހެޔޮ ރަނގަޅު ބައެއް އެއީ" ވޭމަންޑޫ މީހަކު "ވަން" އަށް ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ސައީދުގެ އާއިލާއިން މި މަހުގެ ތެރޭގައި ވޭމަންޑޫން ފައިބާނެއެވެ. އެއީ އެ މީހުން ދިރިއުޅޭ ގޭގެ ވެރިފަރާތުން އެ ގެ ބޭނުންވާތީއެވެ. އެހެންވެ، ސައީދުމެންގެ ވިސްނުމަކީ ދެން އަނެއްކާވެސް އެހެން ރަށަކަށް ބަދަލުވުމެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މީހުންގެ މައުލޫމާތު މި އަހަރުގެ ޖުލައި 18 ގައި "އިމިގްރޭޝަން ވޮޗް:" އަށް ލިބުމާ ގުޅިގެން އެ މީހުން ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އެ މީހުންގެ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނައިރު އެ އާއިލާގެ އިސް މީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި ކަމަށާއި އެކަމަކު، އެ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވެފައިވެއެވެ.
ޝަމްއާން ވިދާޅުވިގޮތުގައި ޓްރެވެލް ޑޮކިއުމަންޓް ލިބުމުން އެ މީހުން ފުރުވާލުމުގައި ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ނަމަވެސް އެ މީހުންނަށް ވަކި ގައުމަކަށް ދިއުމަށް އެ އިދާރާއިން ނާންގާނެ ކަމަށް ވިދާޅުވިއެވެ.
ވޭމަންޑޫގައި ދިރިއުޅޭ ފްރާންސްގެ މުސްލިމު އާއިލާއަށް މިއަދު ކުރިމަތިވެފައިމިވަނީ މަޖުބޫރީ ހާލަތެކެވެ. ބާރަ އަހަރު ރާއްޖޭގައި އުޅުނުއިރު، ކުރިމަތިލާން ނުޖެހުނު ކަމަކާ މިއަދު އެ އާއިލާއިން އެވަނީ ކުރިމަތިލާން ޖެހިފައެވެ. ވިސާއެއް ނެތި 12 އަހަރު ރާއްޖޭގައި ބަޔަކަށް އުޅެވޭނީ ތަންފީޒީ އިދާރާތަކުގެ "ދޯހަޅި" ކަމުން ނުވަތަ ފަރުވާ ކުޑަކަމުންނެވެ. މިއީ އިއްޔެއަކު މިއަދަކު ދެކެވެންވީ ވާހަކައެއް ނޫނެވެ. މީގެ 12 އަހަރު ކުރިން މި ވާހަކަ ދެކެވުނު ނަމަ، ރާއްޖެއަށް އުފަން ކުދިންތަކެއް ގޮވައިގެން ސައީދުގެ އާއިލާގެ ހިތް ރާއްޖެއަށް ދޫކޮށްފައި ފުރަން މަޖުބޫރެއް ނުވީހެވެ. އެހެން ނަމަވެސް އިރެއްގައި ގާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިހާރު އެކަން ނުކުރަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހަމަ އެފަދައިން، އެއީ މުސްލިމުން ކަމަށާއި، ކާފަރުންގެ އަތްމައްޗަށް އެމީހުން ދާން ބޭނުން ނުވާއިރު، އެ ގޮތަށް ދޫކޮށްލުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދީނީ ނަޒަރަކުން މި ކަމަށް ބަހުސްކުރާ މީހުންވެސް މަދެއް ނޫނެވެ.
މި ރިޕޯޓަށް "ވަން" އިން ސައީދުގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް