މާލޭގެ މަގުތަކުގައި ހުންނަ ކުންޏާއި ޕަލެޓްފަދަ ތަކެތި އަންނަ އާދިއްތަ ދުވަހުގެ ކުރިން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ މާލޭގެ ރައްޔިތުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހުންނަ ކުންޏާއި ޕެލެޓްފަދަ ތަކެތި، މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"އެހެންކަމުން، އެފަދަ ތަކެތި މިހާރު ބަހައްޓާފައިވާ ފަރާތްތަކުން، 22 ޑިސެންބަރު 2024 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް އެތަކެތި ނެގުމަށް އަންގަމެވެ." ސިޓީ ކައުންސިލުން ބުންޏެވެ.

އެހެންކަމުން މީގެ ފަހުން ކުންޏާއި އެފަދަ ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއްވެސް ބާވަތެއްގެ ކުންޏެއް، މާލޭގެ މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގެ މަގުމައްޗަކީ ދުއްވާ ތަކެއްޗަށާއި އެންމެންނަށް ވެސް ހިނގާބިނގާވެ އުޅެން ފަސޭހަ، ރައްކާތެރި އަދި ސާފުތާހިރު ތަނަކަށް ހެދުމަށް، ކުރަމުންގެންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން 2022 ވަނަ އަހަރު މާޗުމަހުގެ މާލޭގެ މަގުތަކުގައި ބަހައްޓައިފައި ހުރި ޕަލެޓުތައް ނެގުމުގެ މަސައްކަތް ކޮށްފައެވެ. އެފަހަރު މަގުތަކުގައި ބަހައްޓައިފައި ހުރި 1360 އަށްވުރެ ގިނަ ޕެލެޓު ނަގައިފައިވެއެވެ.