ގަައުމަށް ހިދުމަތް ކުރުމުގައާއި ގައުމު ބޭނުންވާ ކަންކަން ކޮށްދިނުމަށް ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައެއް އޮތުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވޭޕްގެ ވިޔަފާރިވެރިން، ވިޔަފާރިކުރަމުންދިޔައީ ގާނޫނީގޮތުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އެހެންކަމުން އެ ވިޔަފާރީގެ މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މަނާކުރަން ނިންމެވީ ގައުމުގެ ރައްޔިތުން އެގޮތަށް އެކަން ކުރުމަށް ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވޭޕުގެ ވަބާ، އަޅުގަނޑަށް ހަމަ އެނގޭ ގާނޫނީ ގޮތުން ކުރީގަ ހުއްދަ އޮވެގެން ވިޔަފާރިކުރީ އެ މީހުންގެ ނެތް ކުށެއް. އެހެންނަމަވެސް މިގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ، އެ ވިޔަފާރިކުރި މީހުންގެ ކުށެއް ނެތް ހަމަ ހުއްދަދީގެން ކުރަމުންދިޔަ ކަމެއް. އެހެންނަމަވެސް ގައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދިގޮވަމުންދިޔައީ މިކަމުން ތިމަންމެންގެ ދަރިން ސަލާމަތްކޮށްދޭށޭ. އެހެންވީމާ އަޅުގަނޑުމެން ނިންމީ އެކަން ހުއްޓާލަން މިއަދުން ފެށިގެން. ރޭ ދަންވަރު ބާރައިން ފެށިގެން، ގާނޫނީގޮތުން މިރާއްޖޭގެ ވޭޕް ބޭނުންކުރުމާއި ވިއްކުމާއި މިކަމުގެ އެއްވެސް ކަމެއް ކުރުން މަނާވެގެން އެދިޔައީ." ރައީސް ވިދާޅުވިއެވެ.

"ސިއްހީ ގޮތުން ޒުވާނުންނާއި އާންމު ރައްޔިތުން ސަލާމަތްތެރިކަމާއެކީގައި ތިބެން ނޫނިއްޔާ އަޅުގަނޑުމެންނަށް ހަގީގަތުގަ ގައުމަށް ވެސް ކަމެއް ނުކޮށްދެވޭނެ" ރައީސް އިތުރަށް ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ ފުޅާވެފައިވާތާ 40 އަހަރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ފަސޭހަ ނުވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު ހަމަ ކޮންމެ އާއިލާއަކުން ވެސް އެކަމުން ސަލާމަތް ވާން ބޭނުންވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ ގަސްދުގައި ނޫން ކަމަށާއި އެއީ މުޖުތަމައު މިއަދާ ހަމައަށް އައިސްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއިން ވެސް ރާއްޖެ ސަލާމަތް ކުރެވޭނީ އެ މަސައްކަތާއިގެން ކުރިއަށްދިޔުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ގައުމުގެ ކުރިމަގަށާއި އަންނަން އޮތް ޖީލުތަކަށް ޓަކައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވާން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ގިނަ ބާގަނޑުތަކެއް ހުރުމުގެ ސަބަބުން ގާނޫނުގެ މަގުސަދު ހާސިލު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަސްތުވާތަކެއްޗާބެހޭ އާ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އެހެންވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.