ހައުސިން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިންއާބެހޭ އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާގުޅޭ މައުލޫމާތާއި އެ ހާދިސާއާ ގުޅިގެން މިހާރު ކަންތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި މުއްތަލިބު ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ބައެއް ޑޭޓާތައް ގެއްލިގެން އުޅޭކަމުގެ ވާހަކަތަކެއް ފެތުރުނު ނަމަވެސް މިހާތަނަށް ބެލިބެލުމުން ފުދޭވަރަކަށް ގިނަ ޑޭޓާތަކުގެ ބެކަޕް ހެދިފަ ހުރިކަން އެނގިފައިވާ ކަމަށެވެ.
އަދި ރައްޔިތުންނާ ސީދާ ގުޅުންހުރި، ހައުސިން މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭ ކަމަށް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، އެ ތަނުގެ ސާވާތައް ނަގައިގެން އިތުރަށް ރިކަވާކުރެވެން އެއްޗެއް ހުރިތޯ ބަލަމުން ގެންދާ ކަަމަށެވެ. އެގޮތުން ގެއްލިދާނެ ކަމަށް ބެލެވޭ މައުލޫމާތުތައްވެސް ރިކަވާކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާތީ، އެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވާނެ ކަމެއް ނެތް ކަަމަށެވެ. އަދި އެހެނިހެންވެސް ހިދުމަތްތައް ލިބޭ ފަދައިން މާދަމާ އިން ފެށިގެން އެ ތަންތަނުން ހިދުމަތް ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު