އަލިފާނުުގެ ހާދިސާއާ ގުޅިގެން މަސައްކަތްތައް މެދުކަނޑާލަން ޖެހުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. އެކަމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ މެދުކަނޑާލައިފައެވެ.
އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެއާއެކު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދަރުބާރުގެއިން އެ ތިން މިނިސްޓްރީގެ ހިދުމަތްތައް ދޭން އަލުން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރުބާރުގޭގައި މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލައިލެއްވުމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ރޭގެ ވަގުތެއްގައި ދަރުބާރުގެއަށް ވަޑައިގެންނެވިއެވެ.
ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވެފައިވަނީ އިއްޔެ ހެނދުނު 6:30 ހާއިރެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް އަލިފާން ކޮންޓްރޯލުކުރެވިފައިވަނީ ރޯވިތާ ހަތަރު ގަޑިއިރު ފަހުންނެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ އިރު، ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު