ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން ޖެހޭ ގަވާއިދަށް ގާނޫނީ ބާރުދޭން މަޖިލީހަށް ފޮނުވާފައިވާ "ބޭރު ފައިސާ"ގެ ބިލު ކޮމިޓީން ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބިލަށް ކޮމިީން ގެނައި އެންމެ ބޮޑު ދެ ބަދަލަކީ، ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި ރިސޯޓަކަށް މާލީ ދައްޗެއްވާނަމަ ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން މާރުކުރުން އިހުތިޔާތިޔާރީ ކުރުމެވެ. މީގެކުރިން ބިލުގައި އޮތީ އެއީ މަޖުބޫރުކަމެއްގެ ގޮތުގައެވެ.
މީގެ އިތުރުން ލުއި ދެވޭނީ އެމްއެމްއޭއިން ކޭސް ރިވިއުކުރުމަށްފަހުކަމަށްވެސް ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހޭނެއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރުފައިސާ ރައްޖެއަށް އެތެރެ ކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ، ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން ކަމަށެވެ.
މި ބިލުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު