އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތުގައި މާލެ ސިޓީކައުންސިލުން ދިން ހިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކައުންސިލުގައި ރައްކާކޮށްފައި ހުރި ބައެއް ލިޔެކިޔުންތައް ގެއްލުގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ އެ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މާލެ ސަރަހައްދަށް އުފަންވާ އަދި މަރު ފޯމް ހުށަހެޅުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިޔަށްގެންދާނީ ހުޅުމާލޭ އަމީން އެވެނިއު މެޕަލް ޓަވަރުގެ ފުރަތަމަބުރީގައި ކަމަށެވެ.
މާލެ ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް "ވަން"އަށް މިއަދު ވިދާޅުވީ، އެ ކައުންސިލުން މިހާރު ކުރިޔަށް ގެންދާ ބައެއް ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިފައިވާ ކަމަށާއި މާލެސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މާލެ ސަރަހައްދުގެ އިމާރާތްތަކުގެ ރަޖިސްޓްރީ އަދި ކުދީންގެ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ތަކެތި، އަލިފާންގަނޑުތެރޭ އަނދާފައިވާ ކަމަށް ވާ ނަމަ އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީ އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އެ މިނިސްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. ހައުންސިން މިނިސްޓްރީ ހުރި އިމާރާތުގެ ބައެއްގައި ސިޓީކައުންސިލުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދިޔައެވެ.
"މި އިމާރާތަކީ ރަށްވެހިކަމުގެ ހުރިހާ ހިދުމަތްދޭ، ހުރިހާ މަސައްކަތަކާއި އިމާރާތާއި ބެހޭ މައުލޫމާތުދޭ އިމާރާތެއް. މިތާ ހުންނާނީ ހުރިހާ ބޭފުޅުންގެ އުފަންދުވަހުގެ ސެޓްފިކެޓުތަކާއި ރަށްވެހީންގެ ރަޖިސްޓްރީތަކާއި އިމާރާތްތަކުގެ ރަޖިސްޓްރީތަކާއި އިމާރާތްތަކާ ގުޅުންހުރި ހުރިހާ ޑޮކިއުމެންޓުގެ ހުރިހާ ލިޔެކިއުންތައް. އެއީ 1960 އަށްވުރެ ކުރީގެ އަހަރުތަކުން ފެށިގެން ހުރިހާ ޑޮކިއުމަންޓުތަކެއް، ހުރިހާ ފައިލްތަކެއްވެސް ހުންނާނީ މިތަނުގައި. ހަގީގަތުގަ މިތަނުގެ އެއްވެސް އެއްޗަކަށް ގެއްލުން ލިބިއްޖެ ކަމަށްވަންޏާ އެއީ މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅެމުންދާ ރާއްޖެތެރޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ." ނަރީޝް ވިދާޅުވިއެވެ.
ހާއްސަކޮށް ސިޓީކައުންސިލުގެ ބެލުމުގުދަށުގައި ހުރި އެއްވެސް ގެއެއްގެ ރަޖިސްޓްރީ ގެއްލި ނުވަތަ އަނދާފައިވާ ނަމަ އެ އަނބުރާ ހޯދޭނެ އިތުރު ގޮތެއް ނޯންނާނެ ކަމަށާއި މިހާރު ސިޓީކައުންސިލުން މީގެ ފަސް އަހަރު ކުރީގެ ބައެއް ލިޔެކިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް އޭގެ ކުރީގެ ލިޔުންތައް އަދި ޑިޖިޓަލް ނުކުރެވޭ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
"ހާއްސަކޮށް ގޭގެ ރަޖިސްޓްރީއެއް އަޅުގަނޑުމެން އަތުން ނެތިގެން ހިނގައްޖެ ނަމަ، އެ ރަޖިސްޓްރީ އަލުން އަނބުރާ އިޔާދަކުރުމަކީ އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ވަރުގެ ކަމެއްނޫން." ނަރީޝް ވިދާޅުވިއެވެ.
ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި މި އިމާރާތުގައި، 1960 އަހަރުތަކުގެ ކުރީގެ ލިޔެކިޔުންތަކާއި އުފަންދުވަހުގެ ރަޖިސްޓްރީތައްވެސް ހުންނާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
"މިހާރު ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށައިގެން ގޮސް ފަސްއަހަރާ ހަމަޔަށް ހުރި އެއްޗެހިތަކެއް ޑިޗިޓަލް ކުރެވިފަ ހުރީ. އޭގެ ކުރީގެ އެއްޗެހިތައް އަދި ޑިޖިޓަލް، ކުރެވިފައެއްނެތް. އަޅުގަނޑުމެންގެ މުވައްޒަފުންނާއި އެމްއެންޑީއެފް، ފުލުހުންނާއި ހުރިހާ އިދާރާތައް މަސައްކަތްކުރަނީ ސަލާމަތްކުރެވޭނެ ގޮތްތަކެއް އޮތްތޯ. ވަރަށް ބޮޑުބައި ސަލާމަތްކުރެވިގެން މިހާރުވެސް މިތަނުން ނެރެވިގެން ގެންދެވިއްޖެ." ނަރީޝް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު