އަމީނީ މަގުގައި ހުންނަ ހައުންސިން މިނިސްޓްރީ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން އެކްސްގައި ކުރު ޕޯސްޓެއްގައި ބުނީ، އަލިފާނުގެ ހާދިސާގައި އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރި ނަމަ، ލަސްނުކޮށް 115 އަށް ގުޅުމަށް އެދޭ ކަމަށެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލް ނުވެއެވެ.

ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 6:30 ނުވަތަ 6:45 ހާއިރުއެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ، އަލިފާން އަދި ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގުގައި ވަނީ އަލިފާން ރޯވެފައި ކަމަށެވެ. އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކުން މީހުން ހުސްކޮށްފައިވާ ކަމަށާއި މިހާރު ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.